އަންނަ ހޯމަ ދުވަހުން ފެށިގެން، އިމްޕޯޓް، އެކްސްޕޯޓް އާއި ރީ އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
މިއީ މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހު ތަކާ ގުޅިގެން އައި ބަދަލެކެވެ.
މި ބަދަލާއެކު މިހާރު، ރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި އެކްސްޕޯޓް އަދި ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
ނަމަވެސް ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ޤަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީ އެކްސްޕޯޓް ކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާއަކަށް ދިހަ ލާރީގެ މަގުން ރެވެނިއު ސްޓޭމްޕުގެ އަގަށްވާ ފައިސާ މީރާއަށް ދައްކަން ޖެހެއެވެ.
މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ، އެ ފަރާތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއް ވެވިފައިވާ ފަރާތްތަކަށްކަމަށް ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވެއެވެ.