މާލެއާ އެއްހަމައެއްގައި އަތޮޅުތަކުގެ ބައެއް ސަރަހައްދުތަކުން ކާޑުގެ ބާވަތްތައް އަދިވެސް ނުލިބޭ ކަމަށާއި އެހެން ވެފައިވަނީ ރަށްރަށަށް ކާޑު ދޫކުރުމަށް ހަމަޖަައްސާފައިވާ އޭޖެންޓުން ކާޑު ގެންގޮސްފައި ނުވާތީ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތަކުގެ އަގު ހަމަ އަގަށް ގެންނަނީ އެރަށްރަށުގައި ކާޑުގެ އެޖެންޓުން ގާއިމްކޮށް ރަށްރަށަށް ކާޑު ގެންދަން ދައްކަންޖެހޭ ނާލު ފައިސާ އާއި މަޖޫރީ ފައިސާ އެސްޓީއޯއިން ދައްކާގޮތަށް ހަމަޖައްސައިގެންނެވެ.
ރާއްޖެ ޓީވީގެ "ޚަބަރު ފީތާ" ޕްރޮގްރާމްގައި ވާހަކަދައްކަމުން އެސްޓީއޯގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ މުވައްޒަފެއް ކަމަށްވާ އައިޝަތު ނަޖީބް ބުނެފައިިވަނީ މާލެއާ އެއް އަގެއްގައި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އޭޖެންޓުންނާ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި ކަމަށެވެ. ނަމަވެސް ހުރިހާ އޭޖެންޓުން އަދި ކާޑު ނަގާފައި ނުވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަދިވެސް ބައެއް އޭޖެންޓުން ބައެއް ރަށްރަށަށް ކާޑު ނުގެންދެ. އަޅުގަނޑުމެން މި ބަލަނީ ކުރިއަށް މިއޮތް ހަފްތާއެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހުރިހާ އޭޖެންޓުން ކާޑު ނަގައިގެން ރަށްރަށަށް ގެންދިޔުމަށް،" އޭނާ ބުންޏެވެ.
ރަށް ރަށަށް އޭޖެންޓުން ކަނޑައެޅުމުގައި ރަށުގެ އާބާދީއަށް ވަނީ ބަލާފައެވެ. އެގޮތުން 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްތަކުގައި އެންމެ އޭޖެންޓެއް ހުންނައިރު 2،000 އިން މަތީގެ އާބާދީގެ ރަށްތަކުގައި ދޭކަށްވުރެ ގިނަ އޭޖެންޓުން ތިބޭނެއެވެ.