ޚަބަރު

ނޮޅިވަރަންފަރު ނެރު ފުންކުރުމާއި ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އަލީ ޔާމިން

ބ. ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ހދ. ނޮޅިވަރަންފަރު ނެރު ފުންކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެެ މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުންތަކުގައި ސޮއި ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް ފާތިމަރު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަަކީ 24.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އިރު، މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދުގައި 50 މީޓަރުގެ 15 ބޮޑުހިލަ ބްރޭކްވޯޓާ ޖަހަން ޖެހެއެވެ.

ނޮޅިވަރަންފަރު ނެރު ފުންކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 5.7 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން ކަނޑިންމައިގައި ހުރި ގާތަށް ނަގައި، މެދު ދިޔައިން ފެށިގެން 40.4- މީޓަރު ހަމަވާ ވަަރަށް ނެރު ފުންކުރަން ޖެހެއެވެ.