ޚަބަރު

ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ފަށާނަން: ގާސިމް

މުހައްމަދު އިޝާން

ކާޑެއްދޫ އެއާޕޯޓް މިހާރަށްވުރެ ބޮޑުކޮށް އެ އެއާޕޯޓް ތަރައްގީކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ތިނަދުއަށް އިއްޔެ ވަޑައިގެން ރޭ ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އެންމެ ލަސްވެގެން ތިން މަސް ދުވަހުގެ ތެރޭގައި ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި، 2،800 މީޓަރުގެ ދިގުމިނުގެ ރަންވޭއެއް، އެއީ ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭވަރުގެ ރަންވޭއެއް އެޅުމަށްޓަކައި ބޭނުންވާ ފަޅު ހިއްކުމުގެ މަަސައްކަތް މާތް ﷲގެ ވާގިފުޅާ އެކީގައި އަޅުގަނޑު ފައްޓާނަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ނުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަން އަތުލުމުން ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށްދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި އިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ނުކުރެވޭ ނަމަ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު ކާޑެއްދޫ އެއާޕޯޓް ވަނީ ގާސިމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރަށް ދީފައެވެ. ނަމަވެސް 2017 ވަނަ އަހަރު އެ މިނިސްޓްރީން ވަނީ އެއްބަސްވުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ތަރައްގީ ނުކުރެވޭތީ އެއްބަސްވުން ބާތިލުކޮށްފައެވެ. އެއްބަސްވުން ބާތިލުކުރީ ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރަން ވިލާ އެއާއިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ނިންމީ، އެއްބަސްވުން ބާތިލުކޮށްފައި ވަނީ ގާނޫނާހިލާފަށް ކަމަށެވެ. އަދި ވިލާ އެއާށް ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ގާސިމް ނިންމެވީ އޭނާގެ ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ނުކުރުމަށެވެ.

ކާޑެއްދޫ އެއާޕޯޓް އަނބުރާ ވިލާ އެއާއަށް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުއެވެ.