ޚަބަރު

ރަސްދޫގައި މިސްކިތެއް ބިނާކޮށްދީ ރަށު ފަޅުތެރެއިން އިތުރު ރަށެއް ހިއްކައިދޭން މުއިއްޒު ވައުދުވެއްޖެ

އިބްރާހިމް ޒަކީ

ވެރިކަން ލިބިވަޑައިގެންފި ނަމަ، އއ. ރަސްދޫ ފަޅު ތެރެއިން އެ ރަށަށް ބޭނުންވާ ބިން ހޯދުމަށްޓަކައި އިތުރު ރަށެއް ހިއްކައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ރަސްދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ އެންމެ މުހިންމު ގިނަ މައްސަލަތަކުގެ ހައްލު ކަމަށެވެ. އެހެންކަމުން ރަސްދޫއަށް ބޭނުންވާ ބޯހިޔާވަހިކަމާއި ސިނާއީ މަސައްކަތްތަކާއި އިގުތިސާދީ މަސައްކަތްތަކަށް އެ ރަށު ފަޅުން އިތުރު ރަށެއް ހިއްކައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރަށުގެ ރައްޔިތުން އެދޭ ގޮތަށް ރަނގަޅު ފެންވަރުގައި އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއެެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިސްކިއްތަކަށް މި ސަރުކާރުން އިހުމާލު ވެފައިވާކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ވިދާޅުވީ، ރަސްދޫގައި ހުރީ އެންމެ މިސްކިތަކަށްވާތީ ޖާގަ ބޮޑު އިތުރު މިސްކިތެއް އެ ރަށުގައި ބިނާކޮށްދޭނެ ކަމަށެވެ. އަދި އެ ރަށުގެ ތައުލީމީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ތައލީމީ ވަސީލަތްތައް ރަނގަޅުކޮށްދީ، އެ ރަށުގެ ތައުލީމީ މަރުކަޒަކީ ރައްޔިތުން ބޭނުންވާ ފަދަ ރަނގަޅު ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.