މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އޮފިސަރުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ބެނުންކުރަން ފަށައިފިއެވެ.
ކަރެކްޝަނުން ބުނީ، މިއަދުން ފެށިގެން ގައިދީން ބެލެހެއްޓުމުގައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ އޮފިސަރުން ރަސްމީ ވަގުތުތަކުގައާއި ގައިދީންނާ މުއާމަލާތް ކުރަންޖެހޭ ހުރިހާ ހާލަތެއްގައިވެސް ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށެވެ. މިހާރަށް 50 ބޮޑީވޯން ކެމެރާ ބޭނުންކުރަން ހަމަޖެހިފައިވާ އިރު، މި އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުކުރާނެ ކަމަށްވެސް ބުންޏެވެ.
ކަރެކްޝަނުން ބުނީ، މި ޕްރޮޖެކްޓުގެ މަގުސަދަކީ ގައިދީން ބެލެހެއްޓުމުގައި ޖަލު އޮފިސަރުން ޒިންމާދާރު ކުރުވުމާއި ޖަލުގެ ހާލަތު ދެނެގަނެ، ޖަލުތަކުގައި ހިނގާ ހާދިސާތަކާ ގުޅިގެން ބޮޑީވޯން ކެމެރާއިން އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖަލުތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ. އަދި ބޮޑީވޯން ކެމެރާއިން އެއްކުރެވޭ މައުލޫމާތުތަކަކީ އެއަށް އުނި އިތުރު ނުގެނެވޭނެ ގޮތަށް ރެކޯޑް ކުރެވޭ މައުލޫމާތުތަކެއް ކަމަށްވެސް ބުންޏެވެ.
ކަރެކްޝަނުން އިތުރަށް ބުނީ، ބޮޑީވޯން ކެމެރާގެ ޒަރިއްޔާއިން ގައިދީންގެ އުޅުމާއި ހާލު ދެނެގަތުމާއި ޖަލުތަކުގައި ހިންގާ ހާދިސާތަކުގެ އަސްލަށް ވާސިލުވުމަށް ހެއްކާ ގަރީނާ ލިބިގެންދިއުމާއި ރިހެބިލިޓޭޝަންއަށް ބޭނުންވާނެ މައުލޫމާތުތަކާއި އަދި އިންވެޓިގޭޝަންތަކަށް ބޭނުންވާނެ މައުލޫމާތުތައް އެއްކުރެވޭނެ އިންތިޒާމުތަކެއް ގާއިމުވެގެންދާނެ ކަމަށެވެ.
ކަރެކްޝަނުން ވަނީ ކުރިއަށް އޮތް ތަނުގައި ހައި ސެކިއުރިޓީ ދޭންޖެހޭ ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ލައިވް ސްޓީމް ކުރުމުގެ ގާބިލުކަން ހޯދުމަށްވެސް ނިންމައިފައެވެ.