އާންމު ދިއިއުޅުމުގައި ކުރާ ކަންކަން ދަރިވަރުންނަށް، ކިޔެވުމުގެ ތެރެއިން ދަސްކޮށްދިނުމަށް ސްކޫލުތަކުގައި ބޭނުންކުރާ ފުރަތަމަ ލެބް ތާޖުއްދީން ސްކޫލުގައި ހުޅުވައިފިއެވެ.
އެ ލެބު ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކުރާފްޓުގެ މަސައްކަތްތައް އެ ލެބު މެދުވެރިކޮށް ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށެވެ. ލެބުގެ ސަބަބުން ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންގެ ކިބައިގައި އުފެއްދުންތެރިކަމުގެ ވިސްނުން އަށަގެންނެވޭނެ ކަމަށްވެސް ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ތާޖުއްދީންގައި ހުޅުވި ލެބުގެ އިތުރުން ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަ ލެބުތަކެއްވެސް ގާއިމުކުރާނެއެވެ. ހާއްސަ ލެބުތަކުގެ ގޮތުގައި ގާއިމުކުރާނީ އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށް ދޭ ލެބުތަކާއި އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ހާއްސަ ލެބުތަކެއް ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭ ގޮތަށް، 82 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތައުލީމު ދަސްކޮށްދޭ ލެބުތައް ގާއިމުކުރަން މިނިސްޓްރީން ނިންމާފައިވާއިރު، ވޮކޭޝަނަލް އެޑިއުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެން ދަރިވަރުންގެ ޝައުގުވެރިވާ ގޮތަކަށް މިނިސްޓްރީން ބުނެއެވެ.