އަމީނިއްޔާގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެއާއެއް ބާއްވައިފި އެވެ.
މިއަދު ހަވީރު އެސްކޫލްގައި ފެށި މި ފެއާއަކީ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. އެގޮތުން ހާއްސަ ރަސްމިއްޔާތަކާއެކު މި ފެއާ ރަސްމީކޮށް ހުޅުއްވާދެއްވާފައިވަނީ ރަސްމިއްޔާތު ޝަރަފުވެރި މެހެމާނު އަދި އަމިނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ރަޝީދާ މުހައްމަދު ދީދީ (އާރުއެމްޑީ) އެވެ.
ސްކޫލްގެ އިސް ދަރިވަރުންގެ އިސްނެންގެވުމާއެކު މިއަދު ކުރިއަށްދާ މި ފެއާގެ ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އެކި މިނިސްޓަރުންނާއި އިސް މަގާމުތައް ފުރުއްވާ އަމީނިއްޔާގެ ކުރީގެ ދަރިވަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެކި ސްޓޯލްތަކާއެކު މި ފެއާ މިއަދު ހަވީރު ފަށާފައިވާ އިރު، މިރޭ 11 އާއި ހަމައަށް މި ފެއާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަމީނިއްޔާ ސްކޫލްގެ އެކި އިރުގެ ދަރިވަރުންގެ މަސައްކަތްތަކާއެކު 100އަށް ވުރެ ގިނަ ސްޓޯލްތައް މި ފެއާގައި ވެއެވެ. މީގެ އިތުރުން ކުރިއަށް އޮތްތާގައި މިފަދަ އިތުރު ހަރަކާތްތައް އަމީނިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖެގައި އަންހެން ކުދިންނަށް ހާއްސަކޮށް ހުޅުވި ފުރަތަމަ ސްކޫލެވެ.