ކުރީގެ ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރި 1000 އަށްވުރެ ގިނަ ސަރުކާރުގެ މުވައްޒަފުންނަށް އެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅު އެޅި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ހދ. ކުމުންދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްތަކުން މިހާރު ފެނިގެންދާ މަންޒަރަކީ އެ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި ދިއުމަށް ބޭނުން ނުވާ މަންޒަރު ކަމަށެވެ.
"ނޫސްވެރިންނާއި ވިޔަފާރިވެރިން އަދި ރައްޔިތުންގެ އެތައް ބަޔަކު، ޖަލަށް ދާން ޖެހުނު. ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް އޭރަކު ނެތް. ހިޔާލުފާޅުކުރި 1000 އަށްވުރެ ގިނަ ސަރުކާރުގެ މުވައްޒަފުން ވަނީ ވަޒީފާ އަދާކުރަމުންދިޔަ ރަށް ނޫން އެހެން ރަށަކަށް ބަދަލުކޮށްފައި. އާއިލާއާ ދުރަށް ފޮނުވައިލެވުނު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރު ސަރުކާރާ ދެކޮޅަށް ޓުވީޓެއް ކޮށްލިޔަސް، ޖަލަށް ދާންޖެހޭ ކަމަށާއި ރައްޔިތުން އޭރު އުޅެން ޖެހުނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ނޫސްވެރިންނަށްވެސް މިނިވަންކަމާއި އަމާންކަމާއެކު އުޅެވޭނެ މަގު ފަހިވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ކުމުންދުއަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ނެރު ބަދަލުކުރުމާއި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމާއި ސްކޫލަށް ބޭނުންވާ ސާމާނު ހޯދައިދެއްވުމަށް ވައުދުވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު، ބަނދަރު ހެދުމަށްވެސް ވިސްނަވާނެ ކަމަށް ވިދާޅުވިއެވެ.