ޚަބަރު

ނަފުސާނީ ކަންކަމަށް ހާއްސަ ހޮސްޕިޓަލެއް ގަމުގައި ހަދާނަން: މުއިއްޒު

ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގައި ހަދާ، ފުރަތަމަ މެންޓަލް ހޮސްޕިޓަލް ހަދާނީ ލ. ގަމުގައި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒު ވިދާޅުވީ، ގަން-ފޮނަދޫއަކީ އާބާދީ އެއްފަސްކުރުމުގެ ވިސްނުމުން ބަލާއިރު ރަނގަޅު ސަރަހައްދެއް ކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި އެ ދެ ރަށުގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފި ނަމަ ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރައްވާނެ ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގަމުގައި ހަދަނީ ގަމަކީ ގަސް ގިނަ ހިތްފަސޭހަ މާހައުލަކަށްވުމުން ކަމަށެވެ. އޭގެ ސަބަބުން އިތުރު ހިތްފަސޭހަކަން ލިބޭނެކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ ނޭޝަނަލް މެންޓަލް ހެލްތު ހޮސްޕިޓަލް އަޅާނީ ގަމުގައި ކަން އިއުލާނުކުރަން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ލ. އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ޖެހޭކަމާއި ބޮޑުފިނޮޅު ހިމެނޭ ގޮތަށް ބަރެސްދޫގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނެކަމަށެވެ.