ރޭ ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.
ރޭ 10:55 ހާއިރު ހިނގި މިހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވަނީ މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެގޮތަށް އަމުރު ކުރުމުންނެވެ. އެގޮތުން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއްދީފައިވާ އިރު، ދޫކޮށްލާފައި ވަނީ 32 އަހަރުގެ މީހާއެވެ.
ފުލުހުން ވިދާޅުވީ ކޯޓުން ދޫކޮށްލަން ހުކުމް ކުރި މީހާ ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ދެމީހުން ފުލުހުން ހައްޔަރުކޮށްފައިވަނީ އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން ގެސްޓް ހައުސްއަށް ވަދެ ބެލުމުގެ ތެރެއިން ހަތަރު ފިރިހެނަކު އަންހެނަކު ރޭޕް ކުރަން އުޅުނުކަން އެނގުމުންނެވެ. ފުލުހުން ގެސްޓް ހައުސްއަށް ވަނުމުން އެ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ފިލާފައި ވާއިރު، ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ގެސްޓްހައުސްގެ ތެރެއިންނެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ފިލަން އުޅެނުކޮށް މަގުމަތިންނެވެ.
މި މީހުން ތިބި ކޮޓަރި ތެރެ ބަލައި ފާސްކުރުމުގެ ތެރެއިން ފުލުހުންނަށް ވަނީ ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކަކާއި ފުޅިއެއް ފެނިފައެވެ.