ޚަބަރު

މި ސަރުކާރު ހިންގަނީ ގާނޫނު އަސާސީއާ ސީދާ ހިލާފަށް: ގާސިމް

އަލީ ޔާމިން

1

މި ސަރުކާރު ހިންގަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި މިރޭ ކުރިއަށްގެންދިޔަ "ސަންގު ބަހުސް" ގައި ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީވެސް ގާނޫނުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އުތުރުތިލަފަޅު އެގްރީމަންޓްގެ މައްސަލައިގައި މި ސަރުކާރުން ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

"މި ސަރުކާރުން ބޮޑުތަނުން ގާނޫނު އަސާސީއާ ހިލާފުވެފައިވާކަން އަޅުގަނޑު ހަމަ ކަނޑައެޅިގެން ގަބޫލުކުރާތީ އަޅުގަނޑު ނުކުމެ މިގޮތަށް މި މަސައްކަތް މި ކުރަނީ،" މި ސަރުކާރު ގެނައުމުގައި އިސް ސަފުގައި އުޅުއްވި ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އުތުރުތިލަފަޅުގެ އެގްރީމަންޓާއި ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށާއި އެއީ ގާނޫނުން ބޭރުން ހިނގާ ކަންކަން ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީން ބޭރުން ކަންކަން ކުރެއްވުމުގެ ބާރެއް އެއްވެސް ވެރިއަކަށް ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން މިހާރު ފެއިލްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟