އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ޑިޖިޓަލް އައިޑީކާޑު ގަބޫލު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބުގެ ކަންތައްތަކާބެހޭ މައުލޫމާތު މީޑިއާއަށް ހާމަކޮށްދެއްވަމުން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ، ވޯޓު ލުމަށްޓަކައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރެވޭނެތޯ، ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާ ކަމަށެވެ. ނަމަވެސް ޕްރިންޓް ކޮށްގެންވިޔަސް ޑީޖިޓަލް އައިޑީކާޓު ވޯޓުލާން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ކަނޑައެޅިގެން އެބައޮވޭ، އައިޑީކާޑު، ޕާސްޕޯޓް، ޕާސްޕޯޓްކާޑް، ޑްރައިވިން ލައިސަންސް، މި ހަތަރު ޑޮކިއުމެންޓުންކުރެ ކޮންމެންޓެއް މުއްދަތު ހަމަނުވާ ޑޮކިއުމެންޓެއްގެ އަސްލު ގެންނަންވީ، އެހެންވީމަ އެނޫން އެއްޗެއް ގަބޫލެއް ނުކުރާނެ،" ހަބީބު ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިދާޅުވީ، އައިޑީކާޑާއި ޕާސްޕޯޓް ފަދަ އެއްޗެހީގެ މުއްދަތު ހަމަވޭތޯ ކުރިއާލައި ބަލައި، އެކަމަށް ސަމާލުވާންޖެހޭ ކަމަށެވެ. އެ ލިއުންތަކުގެ މުއްދަތު ހަމަވާނަމަ، ވީހާ އަވަކަށް މުއްދަތު އިތުރުކޮށް ވޯޓުލާން ތައްޔާރު ވުމަށްވެސް ހަބީބު އިލްތިމާސްކުރެއްވިއެވެ.
ހޮނިހިރު ދުވަހު ބައްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އިރު، އޭގެ ތެރެއިން 138،196 މީހުންނަކީ އަންހެނުންނެވެ. އަދި 144،199 މީހުންނަކީ ފިރިހެނުންނެވެ.