''މެރަނާ'' ގެ ނަމުގައި ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ސްކީމެއް ތައާރަފްކޮށްފި އެވެ.
އާސަންދަ ކުންފުނިން މައުލޫމާތުދޭ ގޮތުގައި ''މެރަނަ'' ސްކީމަކީ ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ އެހީ ލިބިގެންދާނެ ސްކީމެކެވެ. އެގޮތުން މި ސްކީމަށް ރެޖިސްޓަރ ކުރާ ފަރާތްތަކަށް ވަކި މިންގަނޑެއްގެ ތެރެއިން ބޭސްފަރުވާގެ މާލީ އެހީ ލިބޭނެކަމަށް އާސަންދައިން މައުލޫމާތު ދިނެވެ. އެގޮތުން ''މެރަނާ'' ސްކީމްގެ ދަށުން އާސަންދަ ލިބޭނީ މަދުވެގެން ހަ މަސް ދުވަހު ދިރިއުޅުމަށް އެ ގައުމުތަކުގެ ވިސާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އާސަންދައިން ހާމަކުރެއެވެ.
އެގޮތުން އަހަރަކު މި ސްކީމްގެ ދަށުން މީހެއްގެ ސިއްހީ ފަރުވާއަށް 150،000 ރުފިޔާ ހަމަޖެހިފައިވާ އިރު، އެޑްމިޓް ނުކުރާނަމަ އަހަރަކު 10،000 ރުފިޔާ ހަމަޖެހޭނެކަމަށް އާސަންދައިން ހާމަކުރިއެވެ. އަދި މިހާރު އާސަންދަ ހިދުމަތް ފޯޜުކޯށްދޭ ހުރިހާ ހޮސްޕިޓަލަކުން މި ސްކީމްގެ ހިދުމަތް ލިބޭނެކަމަށް އާސަންދައިން ވަނީ ހާމަކޮށްފައެވެ. މިހާރު abroad.aasandha.mv މެދުވެރިކޮށް މި ސްކީމަށް ރަޖިސްޓަރ ކުރެވެއެވެ.
މިހާރު އިންޑިއާ އަދި ސްރީލަންކާގައި ''މެރަނާ'' ސްކީމްގެ ދަށުން ހިދުމަތް ލިބޭ އިރު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ މެލޭޝިއާގައި މި ހިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް އާސަންދައިން ވަނީ ބުނެފައެވެ.