ގައުމަށްޓަކައި ތިމާއަށް ކޮށްދެވޭނެ ކަމެއް ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ގައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މިއަދު ގައުމު އޮތް ހާލާ މެދު ވިސްނާ ފިކުރު ހިންގުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ގައުމަށް ކޮށްދެވޭނެ ކަންކަން ބަލައި، އެކަންކަން ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސް ސޯލިހު ގޮވާލެއްވި އެވެ.
އެމްއެންޔޫ އިން 2018 ވަނަ އަހަރު ކިޔަވާ ނިމުނު ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދަޅުވީ އެމްއެންޔޫ އިން މިރޭ ދަސްވެނިވި ދަރިވަރުންގެ ތެރެއިން %78.2 އަކީ އަންހެނުން ކަމަށެވެ. އަދި ތައުލީމީ ދުނިޔޭގައި އަންހެނުން ކުރިއަަރާ ދާ ފަދައިން ހަޔާތުގެ އެހެން މައިދާންތަކުގައި އަންހެނުން ކުރިއަރައި ދިއުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އަންހެނުންގެ ބޭނުން ރާއްޖޭގެ ސިޔާސީ މަސްރަހަށާއި އެހެނިހެން ގައުމުގެ އިސްމަގާމުތަކަށް ބޭނުންވެފައިވާ މިންވަރު ބޮޑުކަން ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގައުމީ ޔުނިވަރސިޓީއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި އެމްއެންޔޫ އިން ރާއްޖޭގެ ތައުލީމީ ޖީލެއް ބިނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އުއްމީދީ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެއީ އެމްއެންޔޫގެ ކިބައިން ރައްޔިތުން އެދޭ އެދުމެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ވަނީ ރާއްޖެގެ އެކި ހިސާބުތަކުގައި ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމްކޮށްފައިވާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މިކަން ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލ. އަތޮޅުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމުކުރާން މަސައްކަތް ކުރަމޭ ވިދާޅުވާ ފަދަ މޭރުމަކުން ރައީސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ރާއްޖޭގައި ކިޔަވައިގެން ތިބި މީހުން ގިނަ ނަމަވެސް އިލްމާ އެއްވަރަށް ހިކުމަތްތެރި ކަމާއެކު މަސައްކަތް ކުރާ ބަޔަކު ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބުއްދިއާއި ވިސްނުން ތަރައްގީ ކުރި މިންވަރަކުން މީހާގެ ކިބައިގައި ހިކުމަތްތެރިކަން އުފަންވެގެން އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިންސާނާގެ ޝަހްސިއްޔަތު ބިނާވެގެން އަންނަނީ، ލިބި ހުރި އިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި. ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކު ވެސް، މިރެއިން ފެށިގެން އަޒުމު ކަނޑައަޅަންވީ، ތިމާ އުނގެނުނު އިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަހްސިއްޔަތެއް އުފަން ކުރުވަން." ރައީސް ވިދާޅުވިއެވެ.