އައިލެންޑް އެވިއޭޝަން މޯލްޑިވްސް އަދި މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގުޅިގެން އާ އެއާލައިނެއް އުފައްދަން ނިންމައިފިއެވެ.
އައިލެންޑު އެވިއޭޝަނުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އެމްއެފްއެމްސީއާއެކު އާ އިންޓަނޭޝަނަލް އެއާލައިނެއް އުފެއްދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
"މިއީ ދުރު މަންޒިލުތަކަށް ހާއްސަކޮށްގެން އުފައްދާ އެއާލައިނެއް،" އައިލެންޑު އެވިއޭޝަނުން ބުންޏެވެ.
އެމްއެފްއެމްސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލަށް އުފައްދާ އެއާލައިނުން އިންޓަނޭޝަނަލް ދަތުރުތަކަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށެވެ. އެ އެއާލައިން ދަތުރުކުރާނީ ޗައިނާ، ރަޝިއާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކަށް ކަމަށް އެމްއެފްއެމްސީން ބުންޏެވެ.
އާ އެއާލައިނެއް އުފައްދަން ނިންމީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވަމުންދާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެމްއެފްއެމްސީން ބުންޏެވެ.
އައިލެންޑް އެވިއޭޝަންގެ ދަށުން މިހާރު ވެސް ގެންދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުންނެވެ. އެމްއެފްއެމްސީއަކީ މީގެ ކުރިން އެވިއޭޝަން ދާއިރާއާ ގުޅުންހުރި މަސައްކަތެއް ކުރި ކުންފުންޏެއް ނޫނެވެ.