ޚަބަރު

މުއިއްޒުގެ ވައުދު ދަރަވަންދުއަށް: އެއާޕޯޓް ތަރައްގީކޮށް މަގުތަކުގައި ތާރު އަޅައިދޭނަން

ބ. ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް އެރަށުގެ މަގުތަކުގައި ތާރު އަޅައިދިނުމަށްޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ ކެމްޕޭނަށް މިއަދު ދަރަވަންދުއަށް ވަޑައިގެން، އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ބ. އަތޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ކާމިޔާބު އަތޮޅެއް ކަމަށާއި ދަރަވަންދޫ އެއާޕޯޓްގެ ބޭނުން އެކަމަށް ވަރަށް ފުރިހަމައަށް ކުރެވޭ ކަމަށެވެ.

އެހެން ނަމަވެސް އެއާޕޯޓް ތަރައްގީ ކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އުމްރާނީ ތަރައްގީ އާއި ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނީ އެއާޕޯޓް އިތުރަށް ތަރައްގީ ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރަނގަޅު ފެންވަރުގައި މަގުތައް ހެދިގެންދިއުމާއި އެއާޕޯޓަށް ގެންނަން ޖެހޭ ތަރައްގީގެ މަޝްރޫއުތައް ގެނެސް، ތަރައްގީ ކުރުން. މި ދެކަންތައް އެއީ ކޮންމެހެންވެސް ކުރަންޖެހޭ ދެ ކަންތައް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅައިދީ، އެއާޕޯޓް އިތުރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ އިތުރު ކަންކަން ހުންނާނެ ކަމަށާއި އެގޮތުން ސިއްހީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް އެރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ދަރަވަންދޫ މަގުތަކުގައި ތާރު އަޅައިދިނުމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވާ އިރު، އެރަށުގައި މިހާރު ތާރު އަޅާފައި އޮންނަނީ އެއާޕޯޓުން ބަނދަރަށް ދެވެން އޮންނަ މަގުގައި އެކަންޏެވެ.