ޚަބަރު

ފައިނުގައި އެއާޕޯޓެއް ހަދައި ރ. އަތޮޅަށް 10 ރިސޯޓް ތައާރަފު ކުރާނަން: މުއިއްޒު

އިބްރާހިމް ޒަކީ

ރ. ފައިނުގައި އެއާޕޯޓެއް ހަދައި، އެ އަތޮޅުގައި މުޅިން އަލަށް 10 ވަރަކަށް ރިސޯޓު ތައާރަފު ކޮށްދެއްވާނެ ކަމަށް އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި، ރ. އިނގުރައިދުއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު މިއަދު ވިދާޅުވީ، "އަޅުގަނޑުމެންގެ އިގުތިސޯދީ ސިޔާސަތަކަށް ވާނީ، މިއަތޮޅުގައި ގިނަވެގެން 10 ވަރަކަށް ރިސޯޓު އަލަށް ތައާރަފު ކުރުން، އެކަން ކުރާ އިރުގައި އަލިފުށީ އެއާޕޯޓު ނޫން އެއާޕޯޓެއް މިސަރަހައްދުގައި އެބަޖެހޭ ތަރައްގީވެގެން އަންނަން،" ކަމަށެވެ.

އެހެންކަމުން ފައިނުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ފައިނުގައި އެއާޕޯޓެއް ހެދުމަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިސްނެވި ކަމެއް ކަމަށާއި އެކަމަށް މަސައްކަތްތަކެއް ފެއްޓެވި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރުގައި ކުޑަ އަދަދަކަށް ބިން ހިއްކައިގެން ޖާގަ އިތުރުކޮށް، ދެކޮޅު ޖެހޭގޮތަށް ހިންގޭނެ މަޝްރޫއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ހުރިހާ ރިސޯޓުތަކާއި އަލަށް ހުޅުވާ ރިސޯޓަކަށް ފަސޭހަވެ، އެތައް ސަތޭކަ ވަޒީފާއެއް އުފެދި، އެތައް ޒުވާނުންނެއް ބާރުވެރިވެ އެތައް ކަނބަކުންނަށް ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފައިނުގައި އެއާޕޯޓެއް ހަދަން ނިންމި ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދަން މި ސަރުކާރުން ވަނީ ނިންމައިފައެވެ.

މުއިއްޒު ވިދާޅުވީ، "އިނގުރައިދޫގެ މަގު ހެދުމުގެ މަޝްރޫ އާއި ސިއްހީ މަރުކަޒު ހަދަން ސޮއިކޮށްފައި ނުހިނގާ އޮތް މަޝްރޫ އާއި އެރަށު ބަނދަރުގެ ނެރު ފައިކައްޓާއި ބަނދަރު ބޮޑު ކުރުމުގެ މަޝްރުއު އާއި މިހިރީ ބައިވަރު މަސައްކަތްތައް، މި ކޮންމެ ކަމަކީ އަޅުގަނޑުމެން ތިބޭފުޅުންނަށްޓަކައި އިސްކަންދީގެން ދައުރުގެ ކުރީކޮޅު ކުރިއަށް ގެންގޮސްދޭނެ މަސައްކަތްތަކެއް،" ކަމަށެވެ.

ގެދޮރުވެރިކަމަކީ، އެންމެ މުހިއްމު ސިޔާސަތުކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، ބިން ބޮޑުކުރެވެން އޮތް މިންވަރަކުން ލިބޭ އެންމެ ބޮޑު ޖާގައެއް އެ އަތޮޅު ކޮންމެ ރަށަކަށް އިތުރުކޮށްދެއްވާނެ ކަމަށެވެ.

"އެއާ އެކީގައި މިހާރު އޮތް ނެޗުރަލް ލޭންޑްގަވެސް ހުންނާނެ ލޭންޑްޔޫސް ޕްލޭން ހަދާއިރުގައި ހުންނާނެ ހުސް ޖާގަ އުފެއްދެން އެހެންވީމަ މިރަށުގައިވެސް ގެދޮރު ބިނާކުރުމަށް ހައުސިން މަޝްރޫތައް ހިންގަންޖެހޭ، މި ރަށާއި މިދާއިރާގެ އެހެން ރަށްރަށުގައިވެސް އަޅުގަނޑުމެންގެ މި ނެޝަނަލް ހައުސިން ޕޮލިސީ، އޭގެ ތެރެއިން ރޯހައުސް ފްލެޓް އެޅުމުގެ މަޝްރޫއުތައް ހިންގަދޭނެ،" ކަމަށްވެސް ވިދާޅުވިއެވެ.