ޚަބަރު

މުންޑޫ ރައްޔިތުން ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވައިފި

ލ.މުންޑޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު އެރަށު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވައިފިއެވެ.

ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއަށް މި ކަންކަން ހިއްސާ ކުރައްވާފައިވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހައްދުންމަތީ މުންޑޫ ކައުންސިލްގެ މެންބަރުންނާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި މުންޑޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންޑުއަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އެނގެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ސުނާމީގައި އެތައް ބައެއްގެ ގެދޮރު ހަލާކުވުމުގެ ސަބަނުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިތަކާއި، ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

އަދި ރަށުގެ މުވައްސަސާތަކުގައި އެކަށީގެންވާވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ގަމާއި މުންޑޫ ގުޅާލައި ދިނުމަށާއި، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުންޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.