ރައީސް ޔާމީން

ރައީސް ޔާމީންގެ ލެގަސީއަކީ ދިވެހިން ނުދެކޭ މިންވަރަށް ކޮރަޕްޝަން އާންމުވުން: މަލީހު

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެންމެ ބޮޑު ލެގަސީއަކަށް ވެގެންދާނީ ދިވެހި ތާރީހުގައި ނުދެކޭ މިންވަރަށް ކޮރަޕްޝަން އާންމުވެގެންދިއުން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ޔާމީން ފާހަގަވެގެންދިޔައީ ރައްޔިތުންނާ ވަރަށް ދުރު ވެރިކަމެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށާއި ލެގަސީގެ ވާހަކަ ދައްކަވަން ރައީސް ޔާމީން ލަދުފުޅުގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ޔާމީންގެ އެންމެ ބޮޑު ލެގަސީއަކަށް ވެގެންދާނީ ދިވެހި ތާރީހުގައި ނުދެކޭ މިންވަރަށް ރާއްޖޭގެ ކޮރަޕްޝަން އާންމުވެގެންދިއުން. ވައްކަމާއި ފަސާދަ އާންމު ވެގެންދިއުން. އަނިޔާ އިންތިހާއަށް އިތުރުވުން. ގާނޫނު އަސާސީ އެއްކޮށް ފުނޑާލުން. ރައްޔިތުންނާ ފިއްލަވައިގެން ބަޑިއާއި ކަނޑިއާއި ލޮންސިއާއި ދަގަނޑުދަހަނާ އަޅުއްވައިގެން އެތައް ސެކިއުރިޓީއެއް ބޭނުންކުރައްވައި، ރާއްޖޭގައި ކަތިވަޅިއެއް ނުގެންގުޅޭ ރަށްރަށަށް ވަޑައިގަތުން،" އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީނަކީ އަމިއްލަ ނަފްސަށް ވެސް އޮޅުވާލައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ހެޔޮކަމެއް ކޮށްދިން ކޮންމެ މީހަކަށް ބޮޑެތި އަނިޔާއާއި އަދަބު ދިނުން ނޫން އެހެން ސިޔާސަތެއް ގަބޫލުނުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީން ހިތްހަމަނުޖެހި ވާހަކައެއް ދައްކާ ކޮންމެ މީހަކަށް ވެސް ބޮޑެތި އަނިޔާތަކެއް ދެމުންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތްކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމަށް ބެލިކަމުގައި ވިޔަސް، އެމަނިކުފާނުގެ އެއްބަފާ ރައީސް މައުމޫނަށް ބެލިކަމުގައި ވިޔަސް، ރައީސް ޔާމީނަށް ކެމްޕޭން ކާމިޔާބުކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށްދެއްވި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލަށް ބެލިކަމުގައިވީ ނަމަވެސް، އޭގެ ފަހުން ވެސް ވަރަށް ގިނަ ބޭބޭފުޅުންނަށް ވަރަށް ބޮޑެތި އަނިޔާތައް ދެއްވާފައިވާ ބޭފުޅެއް،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުމެވެ. އެކަމަށް ރައްދުދެއްވައި މަލީހު ވިދާޅުވީ ރައީސް ޔާމީން އެ ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެމަނިކުފާނާއެކު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ބޭފުޅުން އެނގިލައްވާނެ ކަމަށެވެ.

"ރައީސް ޔާމީނަށް ރަނގަޅަށް އެނގިލައްވާނެ އެމަނިކުފާނުގެ ކެބިނެޓުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވި ބޭބޭފުޅުން. އެންމެ ގާތް ބޭފުޅުން ވެސް ދަހެއްނުވިއޭ އެއީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް. ތެދެއް ހަދަން އޮތްތާނގައި ވެސް ދޮގެއް ނޫނީ ނުހައްދަވާ ބޭފުޅެއް ރައީސް ޔާމީނަކީ. އެއީ އެމަނިކުފާނުގެ މައްސަލައަކީ، އެއްގޮތަކަށް ވެސް ބޭފުޅުން ދަސްނުވެގެންނެއް ނޫން. އެ ހައްދަވަނީ ހަމަ ބުހުތާނު ދޮގެއް،" މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ގޯސްވި ހިސާބަކީ އެމަނިކުފާނުގެ ނިއުމަތަށް ޝުކުރުވެރިނުވުމާއި އަމިއްލަ އެދުން އިންތިހާއަށް އިސްކުރުމާއި ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ޖާހު، އަމިއްލަ ގެ، އަމިއްލަ ބޭންކް އެކައުންޓް އިތުރަށް ފުޅާކުރުމަށްޓަކައި މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުން ކަމަށެވެ.

ރައީސް ޔާމީނަށް 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އިސް ދައުރެއް އަދާކުރެއްވި މަލީހު، ޔޫތު މިނިސްޓަރުކަމުން ވަކިކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއަށްފަހު ރައީސް ޔާމީން ވަނީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނައިބު ރައީސްކަމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ދުރުކޮށްފައެވެ.