ޚަބަރު

ސަންގު ބަހުސްގައި އަމިއްލަ ކެންޑިޑޭޓުންނަށް ފުރުސަތުނުދޭތީ މައްސަލަ އީސީއަށް

ސަންގު ޓީވީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދީފައިނުވާ މައްސަލަ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އީސީއަށް ހުށަހެޅުއްވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލެވެ.

ޒަމީލް ރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، އެ މައްސަލަ އީސީއަށް ހުށަހެޅުއްވީ، ޕީއެސްއެމްއިން ބާއްވަން ހަމަޖެއްސި ރިޔާސީ ބަހުސް ކެންސަލްކޮށް، ސަންގު ޓީވީގެ ބަހުސްގައިި ޕާޓްނާޝިޕް ހަދާފައިވާ އިރު، އެ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ފުރުސަތު ދީފައިނުވުމަކީ އޭނާގެ ހައްގެއް ގެއްލޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.

ޒަމީލްގެ އިތުރުން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ. އެބޭފުޅުންވެސް ވަނީ ޕީއެސްއެމްގެ ބަހުސް ކެންސަލް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕީއެސްއެމްގެ ރިޔާސީ ބަހުސް ބޭއްވުމަށް ފުރަތަމަ ކަނޑައެޅީ އަންނަ ހުކުރު ދުވަހުގެ 21:00 އިން 23:00 އަށެވެ.

ނަމަވެސް އެ ބަހުސް ކެންސަލްކުރިކަން އިއުލާނުކޮށް ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމުން، ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ މ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

ޕީއެސްއެމުން އިތުރަށް ބުނެފައިވަނީ، ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމުން ޕާޓްނާވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ވަމުން އަންނަ ކަމަށެވެ.

ސަންގު ޓީވީގެ ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 21:00 ގައެވެ.

ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ "ވަން" އަށް މިއަދު ވިދާޅުވީ، ސަންގު ބަހުސްގެ ދައުވަތު ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބަލައިގެންފައިވާ ކަމަށެވެ.

ޕާޓީތަކުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހު - އެމްޑީޕީ
  • ޑރ. މުހައްމަދު މުއިއްޒު - ޕީއެންސީ
  • އިލްޔާސް ލަބީބު - ދަ ޑިމޮކްރެޓްސް
  • ގާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
  • މުހައްމަދު ނާޒިމް - އެމްއެންޕީ

ޝަހުބާން ވިދާޅުވީ، ސަންގު ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ބައިވެރިކުރަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ޕޯލެއް މިހާރު ހުޅުވާލައިފައިވާ ކަމަށާއި މިނިވަން ކެންޑިޑޭޓުންނަށް ބަހުސުން ފުރުސަތުދޭން ނިންމާނީ އެ ޕޯލުގެ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަަށެވެ. އެ ޕޯލް މިއަދު ހެނދުނު 10:00 ގައި ބަންދުކުރާނެއެވެ.