ގއ. ވިލިނގިލި ކައިރީގައި އޮންނަ ފަޅުގައި ހިއްކައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގއ. އަތޮޅަށް ޓޫރިޒަމް ގެނައުމަށް މިހާރަށްވުރެ ބޮޑަށް ފުޅާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެގޮތުން އެންމެ ބޮޑު އަމާޒަކީ 10،000 އެނދުގެ ޓޫރިޒަމް އެކްސްޕޭޝަނެއް ހުވަދު އަތޮޅަށް ގެނައުން ކަމަށެވެ. އޭގެ ތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމާއި ލޯކަލް ޓޫރިޒަމް ހިމެނޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެކަން ކުރުމަށް އިންޓަނޭޝަނަލް އެއާޕޯޓް ހުރުން މުހިންމު ކަމަށެވެ. އެގޮތުން ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"ގއ. ގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި އެކަން އޮތް ގޮތަކީ މިހާރު ކޫއްޑޫގެ އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް އެކަފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް ތަރައްގީ ކުރުން،" މުއިއްޒު ވިދާޅުވިއެވެ.
"އަދި އެ އެއާޕޯޓާ އެކީގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް މި ފަރުގައި ހިންގުން،"
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ވަނީ އެކަން ކުރައްވަން ވައުދުވެވަޑައިގެންފައި ކަމަށާއި އެކަން ކުރެއްވޭނެ ތަސައްވުރު އެމަނިކުފާނު އޮތް ކަމަށެވެ. ސަރުކާރު ބަދަލުވުމުން އެކަން ހުއްޓުނު ނަމަވެސް އޭނާގެ ވެރިކަމެއްގައި މިކަން ޔަގީންކަމާއެކު ކޮށްދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވިލިނގިލި ކައިރީގައިވާ ފަޅު ހިއްކަން ފަށާނީ ވިލިނގިލިއާ ގުޅުވައިގެން ކަމަށާއި މިރަށުގެ ބިން މިހާރު ނެތް ކަމަށެވެ. އޭރުން ރަށުގެ ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.