އިބްރާހިމް ޒަކީ
ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި، އަލިފާން ރޯވުމުގެ 86 ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެނޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެފަރާތުން ބުނެފައިވަނީ، ވޭތުވެދިޔަ 4 މަސްދުވަހުގެ ތެރޭގައި ހިނގާފައިވާ ރޯވުމުގެ 86 ހާދިސާގެ ތެރޭގައި، ގަސްތުގައި ރޯކޮށްލުން ކަމަށްބެލެވޭ 4 ހާދިސާއެއް ހިނގާފައިވާކަމަށެވެ.
މީގެ އިތުރުން ކަރަންޓާ ގުޅުންހުރި 18 ހާދިސާއެއް ހިމެނޭކަމަށާއި، ގޭގޭގައި ކައްކަން އުދައިފަ ދިއުމުގެ ސަބަބުން ރޯވެފައިވާ 16 ހާދިސާ އަކާއި ވެހިކަލްތަކުގައި ރޯވެފައިވާ 10 ހާދިސާއެެއް ހިމެނޭ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ކަނޑުމަތީގެ އުޅަނދު ތަކުގައި ރޯވުމުގެ 3 ހާދިސާ އަކާއު ރިސޯޓުތަކުގައި ރޯވުމުގެ މައިގަނޑު 4 ހާދިސާއެއް ދިމާވެފައިވާ ކަމަށާއި، ކުނިތަކުގައި ރޯވެގެން 8 ހާދިސާއެއް އަދި ވަލުތެރޭގައި ރޯވި ފަސް ހާދިސާ އަކާއި އެކި ރަށްރަށުގެ ކުނި ގޮޑުގައި ރޯވި 6 ހާދިސާއެއް ހިމެނޭ ކަމަށް މައުލޫމާތުދިނެވެ.
އެމްއެންޑީއެފުން ބުނީ އޭގެ ތެރޭގައި އެހެނިގެން ތަފާތު 12 ހާދިސާއެއްވެސް ހިމެނޭ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ގުޅަންޖެހޭ އެމެޖެންސީ ނަމްބަރު (ކޯލްސެންޓަރު) 110 އަށް ވޭތުގެދިޔަ 4 މަސްދުވަހުގެ ތެރޭގައި
4508 ކޯލް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭން 447 ކޯލްއަކީ މައުލޫމާތު ސާފު ކުރުމަށް އައި ކޯލްތައް ކަމަށާއި، ހަގީގީހާދިސާ ހިނގައިގެން 153 ކޯލްއައިސްފައިވާ ކަމަށެވެ.