ޚަބަރު

ރައީސްގެ އަމާޒު: ގަމަށް 25،000 މީހުންގެ އާބާދީއެއް ގެނެސް، އާބަން ސެންޓަރަކަށް ހެދުން!

ލ. ގަމުން އަލީ ރިފްޝާން

ލ. ގަމަށް 25،000 މީހުންގެ އާބާދީއެއް ގެނެސް، މި ރަށް އާބަން ސެންޓަރަކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑާއެކު ކެންސަރު ހޮސްޕިޓަލު ހެދުމަށް ލަސްތަކެއް އައި ކަމަށާއި ކޮވިޑާ އެކު ފައިސާ ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް ވިސްނުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެ މަނިކުފާނު ބޮޑެތި ސަރަހައްދުތަކަށް ގެންނަން މަސައްކަތް ކުރެއްވީ ބިޔަ ބޮޑު މަޝްރޫއުތައް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ބަދަލެއް ނާދޭ. މި ގަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނަން. އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި 25،000ގެ އާބާދީއަކަށް ބަދަލުކުރުން. އެވަރުގެ އާބާދީއެއް އުޅެން ނިންމާއިރުގައި ބޯހިޔާވަހިކަން އެއީ އެންމެ ބޮޑު ވިސްނުން. މަޖުބޫރުން ގެނައުމުގެ ވިސްނުމެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެވަރުގެ އާބީދީއެއް ގެނައުމަށް މީހުން ހިޖުރަކުރާނެ ފަދަ ޝައުގުވެރި ކަންކަން ގެންނަން ޖެހޭނެ ކަމަށާއި މާލޭ ސިޓީއެކޭ އެއްގޮތަށް ހުރިހާ ކަމެއް ފުރިހަމަވީމާ މީހުން ދިރިއުޅެން އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފޭސްގައި މި އަންނަ އަހަރު އަމާޒަކީ 1،000 ހައުސިން ޔުނިޓް ގަމުގައި އަޅައިދިނުން. މުޅި އަމާޒަކީ 5،000 ހައުސިން ޔުނިޓް އެޅުން. އެއީ މި ރަށުގައި ދިރިއުޅޭ މީހުންނާއި ބަދަލުވާން ބޭނުންވާ މީހުންނަށް. އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލުވެސް އެޅިގެންދާނެ. މިހާރު އެކަން އޮތީ ރީޓެންޑަރިން ޕްރޮސެސްގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަމާޒަކީ މި ސަރަހައްދަށް ބޮޑު ތަރައްގީއެއް ގެނައުން ކަމަށާއި ގަމާއި ފޮނަދުއަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.