މި ސަރުކާރުން ތަރައްގީ ކުރި ލ. އިސްދޫ ބަނދަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ސޯލިހު ބަނދަރު ހުޅުއްވައިދެއްވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު މި ރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްދޫ ބަނދަރު ތަރައްގީކުރުމަށްޓަކައި ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީން ވަނީ އެ މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލައިފައެވެ.
އޭގެ އިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ބަނދަރު ބައްތި ހަރުކުރުމާއި 1،560 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދިޔައެވެ. އެ މަޝްރޫއުއަކީ 34.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ބަނދަރު ހުޅުއްވައިދެއްވުމުގެ އިތުރުން ރައީސް ވަނީ މި ރަށުގެ ފެނުގެ ނިޒާމުގެ ހިދުމަތް ވެސް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.