ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއަށް، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ ގިނަ ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ނަހުލާގެ ވަރަށް އަރިސް ބޭފުޅެއްކަމުގައިވާ ހަމަދު މިފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ. އޭނާ ޓްރާންސްޕޯޓުގެ ނައިބުކަމަށް އައްޔަން ކޮށްފައިވަނީ ޖޭޕީގެ ސްލޮޓެއްގައެވެ.
ހަމަދު ވަނީ މިނިސްޓަރު ނަހުލާއަށް އޭނާ މިއަދު ފޮނުއްވި ސިޓީއެއް ޓުވީޓާގައި ހިއްސާކުރައްވައިފައެވެ. އެ ސިޓީގައި ހަމަދުވަނީ ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަން އޮތްވަރު ހާމަކޮށްދެއްވައިފައެވެ.
އެ ސިޓީ ހަމަދުގެ ފަރާތުން މިނިސްޓަރު ނަހުލާއަށް ފޮނުއްވީ، ސްކޫލީ މިންގަނޑާ އޭނާ ހިލާފުވެފައިވާ ކަމަށާއި އަދަބު އިހުތިރާމު ކުޑަވާ ގޮތަށް މިނިސްޓަރު ނަހުލާއަށް ރައްދު ދެއްވާފައިވާ ކަމަށް ތުހުމަތުކޮށް އެ މިނިސްޓްރީގައި އޭނާއާ ހަވާލުކޮށްފައިވާ އެއްގަމާއިި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ އެންމެހައި މަސައްކަތްތައް ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާ ހަވާލުކޮށް އިއްޔެ ފޮނުވި އިންޓާނަލް މެމޯއާ ގުޅިގެންނެވެ.
އެ ސިޓީގައި ހަމަދު ވިދާޅުވީ، މެމޯގައި ތުހުމަތުކުރާ ކަންކަމަށް އޭނާ އިންކާރުކުރައްވާ ކަމަށެވެ.
މަގާމުގެ މަސްއޫލިއްޔަތު އެހެން ފަރާތަކަށް ބަދަލުކުރި ސަބަބެއްކަމުގައި ހަމަދު ވިދާޅުވީ، މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ނާއިންސާފެވެ.
"މި މައްސަލައިގެ ފެށުން އަޅުގަނޑަށް ސާފެވެ. އެއީ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސަންސް ހޯދުމަށް އުޅުއްވި މޮރޯކޯގެ އަންހެން ރައްޔިތަކަށް ފުރައްސާރަކުރި ކަމަށް ބުނެ މިނިސްޓްރީއަށް އެ އަންހެން މީހާގެ ފަރާތުން ޝަކުވާއެއް ލިބުމުން އެ ޝަކުވާ ބެލުމަށް އަޅުގަނޑު މަސައްކަތްކުރުމެވެ. މިނިސްޓަރަަކީ އަންހެނަކަށްވެ ހުރެ، އެކިއެކި ޕޯޑިއަމްތަކުގައި އަންހެނުންގެ ބާރުވެރިކަމަށް ވަކާލާތު ކުރައްވާ ބޭފުޅަކަށްވެ ހުރެ، އެހެން އަންހެނަކަށް ކުރިމަތިވި ފުރައްސާރައެއްގެ ވާހަކަ އެ މީހާ ދެންނެވުމުން އެ މައްސަލަ ބެލުމަށް މުވައްޒަފު ދޫކުރަން އެދުމުން، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލެއްކަމަށްވާ އާދިލް ރަޝީދު މެދުވެރިކުރައްވައި އެކަމަށް ހުރަސް އަޅުއްވައި ރޫޓުކުރައްވާފައިވާ ސިޓީއަކީވެސް ނުފޮނުއްވާ ސިޓީއަކަށް ހައްދަވައި، އެކަން އޮއްބާލަން މަސައްކަތްކޮށްފައިވުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެކެވެ" އެ ސިޓީގައި ހަމަދު ވިދާޅުވިއެވެ.
ހަމަދު ވިދާޅުވީ، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމުގެ އަސްލަކީ މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން ވިސްލްބްރޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި އޭނާ ފޮނުއްވި މެއިލްތަކާ ގުޅިގެން ކަމަށެވެ. އެ މެއިލްތަކުގައި މިނިސްޓްރީގައި ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ހަމަދު ވިދާޅުވީ، ވަޒީރެއްގެ މަސްއޫލިއްޔަތު ގާނޫނު އަސާސީގައިވާ ގޮތަށް މިނިސްޓަރު ނަހުލާ އުފުއްލަވާފައި ނުވާ ކަމަށެވެ. އެގޮތުން ދައުލަތް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އާންމު ސިޔާސަތުތައް ތަންފީޒުކުރެއްވުމުގެ ބަދަލުގައި ވާދަވެރި އެހެން ޕާޓީއެއްގެ ސިޔާސަތު ކުރިއަރުއްވައި ވިއްކުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ރައްކާތެރިވެ ހެޔޮގޮތުގައި ބެލެހެއްޓެވުމުގެ ބަދަލުގައި ގަވައިދާ ހިލާފަށް މަންފާ ހޯއްދަވަމުން ގެންދާ ކަމަށެވެ.
"ޑޮމެއިން ވިއްކުމުގައި ކަނޑައެޅިފައިވާ ގަވައިދުގެ ބޭރުން ޑޮމެއިން ވިއްކައި ގާނޫނާއި ގަވައިދާ ހިލާފުވެފައިވާ ކަމެވެ." ހަމަދު ތުހުމަތުކުރެއްވިއެވެ.
ހަމަދު ވިދާޅުވީ ޑޮމެއިން ވިއްކައިގެން ލިބުނު ކަޅު ފައިސާ ރައްކާކޮށްފައިވާ ތަންތަން ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ހިއްސާކުރައްވައި، އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ ވަނަވަރު އިދާރާތަކާ ހިއްސާކުރެއްވުމަށް އޭނާ ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ހަމަދު ވިދާޅުވީ، މި މަހުގެ 22 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އެސްޓީއެސް އެޕްރޫވަލްތަކާ ގުޅިގެން މިނިސްޓަރު ނަހުލާގެ ސަމާލު ކަމަށް އޭނާ ގެނެސްފައިވާ ކަންކަން އިސްލާހުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައިފައިނުވާ ކަމަށާއި އެކަންވެސް މިނިސްޓަރު ކުރެއްވީ އަމިއްލަ މަންފާއަށް ކަމަށެވެ.
ހަމަދު ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 70 ޕަސަންޓާ ގާތްކުރާ މިންވަރަށްވެސް މިނިސްޓަރު ނަހުލާ އޮފީހަށް ވަޑައިގެންފައެއް ނުވެއެވެ. އަދި މިދިޔަ ތިން ހަފުތާގައި އޮފީހަށް ވަޑައިނުގެންނެވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ބައްދަލުވުންތަކުގައި މިނިސްޓަރު ބަރާބަރަށް ބައިވެރިވެވަޑައިގަންނަވާ ކަމަށާއި ނުކިއްސަރު މަގުން ޑޮމެއިން ވިއްކުމުގެ ކަންކަމުގައި މިނިސްޓަރު އޮފީހަށް ވަޑައިގަންނަވާ ކަމަށެވެ.
"ތިޔަ ހިންގަވާ ކޮރަޕްޝަންގެ އަމަލުތަކުން ހިތްވަރުދެވެނީ ގައުމުގެ ޒުވާން ޖީލު ހަލާކުކޮށް، އެ ޖީލު ނެލިކޮށްލައި މުޖުތަމައު ހަލަބޮލިކޮށްލަންކަމުގައިވާއިރު މިއަދުގެ ޒުވާން ޖީލަކީ ޑޮމެއިން ބަހައިގެން ކޮންޓްރޯލްކުރެވޭ ކޮމޮޑިޓީއަކަށް ހައްދަވަން މިނިސްޓަރު މަސައްކަތް ކުރެއްވިނަމަވެސް އެ ޖީލު އެއަށްވުރެ މާބޮޑަށްވެސް ހޭލުންތެރިކެމެވެ" ނަހުލާއަށް އަމާޒުކުރައްވައި ހަމަދު ވިދާޅުވިއެވެ.
ހަމަދު އިތުރަށް ވިދާޅުވީ، ގާނޫނުގެ ބޭރުން މިނިސްޓްރީ ބޭނުންކޮށްގެން އަމިއްލަ މަންފާއަށް މިނިސްޓަރު ނަހުލާ ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ޖުމްހޫރީ ޕާޓީގެ ކެމްޕެއިނަށް ފައިސާ ހޯއްދަވަން ކުރައްވާ މަސައްކަތެއް ކަމަށް އޭނާއަށް ފެންނިވަޑައިގަންނަވާ ކަމަށެވެ. އަދި މިނިސްޓްރީގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަ ދައްކަވާނެ ކަމަށާއި އެ ކޮރަޕްޝަންގައި މިނިސްޓްރީގެ އާއްމު މުވައްޒަފުން ޝާމިލްކުރުވުމަކީ ހަޖަމު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.