ޚަބަރު

މީ ވެރިކަމުގެ ނިޒާމް ބަދަލު ކުރަންވީ ވަގުތެއްނޫން، އެޖެންޑާ 19ގަ ނިޒާމް ބަދަލުކުރުމެއް ނުހިމެނޭ

މި ވަގުތަކީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރަންވީ ވަގުތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ތައާރަފްކުރި އެޖެންޑާ 19 ގައިވެސް ރާއްޖޭގެ ވެރިކަމުގެނިޒާމް ބަދަލު ކުރުން ހިމެނިފައިނުވާ ކަމަށް ޖުމްހޫރި ޕަޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ، މިހާރު ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމު ބަދަލު ވާންޖެހޭކަމަށް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

ރާއްޖޭގައި މިހާރުމިއޮތް ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް، ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ވަރަށްބޮޑަށް ވަކާލާތު ކުރައްވައިފައެވެ.

މިފަހަރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުވާން ޖެހޭ ކަމަށާއި އެކަން ނިންމަވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގައި ބުނެފައިވާގޮތަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގައި، ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ކަނޑައެޅުމުންނެވެ.

ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން، މިފަހަރުގެ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކަން ކުރައްވަމުންގެންދަވާ އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓުދިނީ އެޖެންޑާ 19އަށް ކަމަށްވަންޏާ ވެރިކަމުގެ ނިޒާމާމެދު ބަހުސްވެސް ކުރަން ނުޖެހޭކަމަށެވެ.

"އެއީ އެޖެންޑާ 19 ގައި ހިމެނޭކަމެއްނޫން. ރައްޔިތުން ވޯޓުދިނީ އެޖެންޑާ 19އަށް ކަމަށްވަންޏާ އެއްވެސް ހާލެއްގައި އެ ބަހުސް، ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ އޮތް ކަމަކަށް ނުފެނޭ. ރައްޔިތުންނަށް ނަޒާހަތްތެރި ދިރިއުޅުމަކަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައި ދިނުމަށާއި މި ކަހަލަ ވައުދުތަކެއްހުރީ، އެހެންވީމަ މި ވައުދުތައް އެންމެ ފުރަތަމަ ފުރިހަމަ ކުރަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރިއަސް އެކަން ކުރަންޖެހޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ގާނޫނު އަސާސީ ބައިޕާސްކޮށް އެއްވެސްކަމެއް ކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.