މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތްރީ އޮން ތްރީ ބާސްކެޓް ބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމު ކުޅުނު ދެ މެޗުންވެސް މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، ފިރިހެން ޓީމުންވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރާއްޖޭގެ ތްރީ އޮން ތްރީ އަންހެން ބާސްކެޓް ބޯޅަ ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީއެވެ.
އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ސީޝެލްސް އަތުން 14-07 އިން މޮޅުވެފައެވެ. އެ މެޗުގައި ރާއްޖޭގެ ޒުހާއާއި އިފާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސީޝެލްސް ކުޅުންތެރިންނަށް އެ ދެ ކުޅުންތެރިން ހުއްޓުވުންވީ އުނދަގޫ ކަމަކަށެވެ.
ދެ ވަނަ މެޗުގައި އަންހެން ޓީމު ނުކުތީ މަޔޯޓްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވީ 13-10 އިންނެވެ. ރާއްޖެ ޓީމުގެ ކައިލީންގެ ފަރާތުން އެ މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ފަށައިގެން ރާއްޖޭން ރަނގަޅު ލީޑެއް ނެގިއެވެ. އަދި ޕްރެޝަރު ވަގުތުތަކުގައިވެސް ލީޑު ހިފަހައްޓަން ކުރި ރަނގަޅު މަސައްކަތާ އެކު، މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކުރިއެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ތްރީ އޮން ތްރީ ޓީމުވެސް ވާދަކުރަމުންދާ އިރު، ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.
ފިރިހެން ޓީމުން ފުރަަތަމަ މެޗުގައި ސީޝެލްސްއާ ވާދަކޮށް މޮޅުވެފައިވަނީ 15-12 އިންނެވެ. އެ މެޗުގައި ރާއްޖެ ޓީމުގެ ޒަކިއްޓެގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ލީޑުގައި އޮތުމުގައި އޭނާގެ ތަޖުރިބާގެ ބޭނުންކޮށް ރާއްޖެއަށް ރަނގަޅު ޕޮއިންޓްތަކެއް އެއްކޮށްދިނެވެ. މެޗުގެ ފަހު ކޮޅުގައި ޓީމުގެ ލީޑު ހިފަަހައްޓައިދޭން އަމްޒަރުވެސް ރަނގަޅަށް ކުޅުނެވެ.
ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ދެ ވަނަ މެޗުން ވަނީ މަޔޯޓް އަތުން 16-21 އިން ބަލިވެފައެެވެ. މަޔޯޓްއިން މެޗުގެ ކުރީކޮޅުގައި ނެގި ލީޑާ އެކު، މެޗުގެ ނަތީޖާ އެ ޓީމުގެ ކޮޅުގައި ވަނީ ބާއްވައިފައެވެ.
އަންހެން ސެމީ ފައިނަލާއި ފިރިހެން ކުއާޓާ ފައިނަލް މެޗު އޮންނާނީ މާދަމާއެވެ.