ރިޕޯޓް

2023 ރިވައިންޑް: ފުޓުބޯޅައާއި ވޮލީ ނޭވާހޮޅިއަށް އެޅި ވެންޓިލޭޓަރުގައި، އައިއޯޖީން ގައުމީ ޖޯޝް

މުޙައްމަދު ޝަމްޢޫން

ކަލަންޑަރު އަހަރެއް ނިމުނީއެވެ. އަނެއްކާވެސް ކުޅިވަރުގެ ވާހަކަތައް ގިނަ އަހަރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައިވެސް، ރާއްޖޭގައިވެސް ކުޅިވަރުގެ ވާހަކަ ގިނަ އަހަރެކެވެ. ދިވެހީންގެ ލެޔާއި ގުޅިފައިވާ ކުޅިވަރު މުބާރާތްތައް ކަމަށްވާ ސާފް ޗެމްޕިއަންޝިޕާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ މުބާރާތްތަކުން ނިމިގެން މިދާ އަހަރު ފަޅުފިލައިގެން ދިޔައެވެ. އެ މުބާރާތްތަކުން ގައުމީ ކުޅިވަރަށް ހާއްސަ މެސެޖުތަކެއްވެސް ދިނެވެ. އަންނަ އަހަރަށް އެ މެސެޖުތައް ސާފުވާން ޖެހެއެވެ. ކުޅިވަރުން ފަސްދިންތަނުން، އިބުރަތެއް ނުހޯދައި ދެން ކުރިއަށް ނުދެވޭވަރަށް، ގިނަ ކަންކަން ގޯސްކޮށް ގޮސްފައިވާކަން ފާހަގަވެއެވެ. އުފާވެރި ވަގުތުތަކެއް ހިމެނޭ ނަމަވެސް، ބޮޑެތި ކުޅިވަރުތައް ކަމަށްވާ ފުޓުބޯޅައާއި ވޮލީބޯޅަވެސް އޮތީ "ވެންޓިލޭޓަރު" ގައެވެ.

ފުޓުބޯޅަ ހުއްޓި، މުޅިން ބޮއްސުންލައިފައި

ނިމިގެން މިދާ އަހަރަކީ ރާއްޖޭގެ ފުޓުބޯޅަ އަހަރުތަކެއް ފަހަތަށް ވައްޓާލި އަހަރެކެވެ. ގޯހުން ގޯހަށް ގޮސް، އެފްއޭއެމްގެ ވެރީންގެ މައްޗަށް ވައްކަމާއި، ކޮރަޕްޝަންގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތުވެސް ކޮށް، މައްސަލަ ބަލަނީ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ "ޕްރައިމް ސަސްޕެކްޓް" އަކަށް ބަލައި، ޕީޖީގެ އެންގުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެފްއޭއެމްއަށް ފުލުހުން ވަދެ، މިހާރު އޮތީ ދައުވާ ކުރާ ހިސާބުގައެވެ. އެ މައްސަލަގަނޑުގެ ތެރެއަށް އެފްއޭއެމް ގަރަގުވެ، "ސޭވް އެފްއޭއެމް" ގެ ނަމުގައި ކެމްޕޭނު ފަށައިގެން، މިހާރު އޮތީ ވެރިއެއްވެސް ނެތް އެފްއޭއެމްއެކެވެ.

މިދިޔަ ހަފުތާ ތެރޭގައި ބައްސާމަށް ވަނީ މަގާމު ގެއްލި، އެފްއޭއެމްގެ އިންތިހާބު ބާއްވަން ޖެހިފައެވެ. ކުރިއަށް އޮތް އަހަރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބާއްވަން ނިންމާފައިވާ އިރު، ބައްސާމް ދެނެއް ކުރިމައްޗެއްވެސް ނުލާނެއެވެ. ކުރިމަތި ނުލުމުގެ ނިންމުމަކީ ބައްސާމްގެ މަޖުބޫރީ ނިންމުމެކެވެ. އެނޫން ގޮތެއް ނެތެވެ. އޭނާގެ ޒައާމަތުގައި ދިވެހި ފުޓުބޯޅަ އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ.

ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއެވެ. އެއީ އެ މުބާރާތުގެ ތާރީހުގައިވެސް އަލަށްވި ކަމެކެވެ. ބަންގްލަދޭޝް އަތުން ބަލިވުމަކީވެސް 20 އަހަރު ތެރޭގައި ކުރިމަތިވި ބޮޑު ބައްޔެކެވެ. ރާއްޖެއަށް މިދިޔަ އަހަރު ޖޫން މަހު ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ބަލިކުރެވުނީ ބޫޓާން އެކަންޏެވެ. ހިތްދަތި، ހިތްމަރުވި ނަތީޖާއެކެވެ. ފުޓުބޯޅައިގެ ހާލަތުން ކަންބޮޑުވާން ޖެހުނު ނަތީޖާއެކެވެ.

އެ ނަތީޖާއާއެކު ބައްސާމް ހޫނު ފެނަށް ވެއްޓި، އޭރު ހުރި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނުރުހުންވެ، އެފްއޭއެމް ނޫސްވެރިންނާވެސް ބައްދަލުކުރިއެވެ. އެތައް ކަމެއް "ފަޅާވެސް އެރިއެވެ." އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ މުޅި ތަން ހުއްޓި، މުވައްޒަފުން ވަޒީފާއަށް ނުނުކުންނަވަރު ވިއެވެ. އަތޮޅު ލީގުތައް ހުއްޓި، ރާއްޖޭގެ އެއްވަނަ ޑިވިޝަންވެސް ހުއްޓި، ކުރުކޮށްލީ މެދުތެރެއިންނެވެ. ދެވަނަ ޑިވިޝަން ދިގުލައިގެން ގޮސް، ފަށަން އޮތް އަހަރަށްވެސް ގޮސްފިއެވެ. ލީގު ނެގީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެފްއޭ ކަޕްވީ ކެންސަލެވެ. ޕްރެޒިޑެންޓްސް ކަޕް ނެގީވެސް މާޒިޔާއިންނެވެ. ފުޓުބޯޅައިގެ ވާހަކަ ދައްކާ ކޮޅުންލާކަށްވެސް ނެތެވެ. ފެއިލިވެ، މުޅިން ހަލާކުވެއްޖެއެވެ. އާ އަހަރަކަށް އެންމެ މުހިއްމު ކަމަކީވެސް އެއީއެވެ.

ވޮލީވެސް ގާނޫނުން ބޭރުގައި، އެތައް މިލިއަނެއް ހަރަދުކޮށް މިސްރާބެއް ނެތިފައި

ވޮލީބޯޅައިގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ކަމާބެހޭ އިދާރާތަކަށްވެސް އެކަން އޮތީ ބޮޑުވެފައެވެ. މުހައްމަދު ރަނޭޝް ރައީސަކަށް ހޮވިގެން އައިސް، މިއަދާ ހަމައަށް އެސޯސިއޭޝަން ހިންގަމުން އައީ އުސޫލުން ބޭރުންނެވެ. އަސާސީ ގަވާއިދުގައިވާ އަހަރީ އާންމު ޖަލްސާ ނުބޭއްވި، ތިން އަހަރު ވެގެން ގޮސް، މިދިޔަ އަހަރުވެސް ނިމުނީ އެކަމުގެ ތެރޭގައި އޮވެގެންނެވެ. ނިމިގެން މިދާ އަހަރުގެ ނޮވެމްބަރު މަހު "އަވަސް އަރުވާލައިގެން،" ސިއްރުން ބޭއްވި ޖަލްސާވެސް، ސްޕޯޓްސް ކޮމިޝަނަރު އަދި ބަލައިގެންފައެއް ނުވެއެވެ. ބަޖެޓެއް ފާސްކުރުމެއް ނެތި، އެތައް މިލިއަން ހޭދަކޮށްފިއެވެ. ހާއްސަކޮށް ކުރީ ސަރުކާރުގެ ޔޫތު މިނިސްޓްރީންވެސް ވަނީ ވޮލީއަށް އެއްވެސް ބެލުމެއް ނެތި ފަންޑުކޮށްފައެވެ.

ވޮލީއަށް މިނިސްޓްރީން އެތައް މިލިއަނެއް ޖަމާކުރަމުން ދިޔަ އިރު، އެއްވެސް އަހަރެއްގައި އަހަރީ ހިސާބު، އާންމު މެންބަރު ކްލަބުތަކަށް ހިއްސާ ކޮށްފައެއް ނުވެއެވެ. އެ ބަޖެޓުގައި ފައިސާ ހަރަދު ކުރި ގޮތެއް އޮޑިޓް ކޮށްފައެއްވެސް ނުވެއެވެ. އެ އޮޑިޓް ރިޕޯޓުވެސް ފެންނާކަށް ނެތެވެ.

މިދިޔަ އަހަރު ބީޗްވޮލީ ބޯޅަ ޓުއާވެސް ރާއްޖެއަށް ގެއްލުނު އިރު، އިންޓަ ސްކޫލް ވޮލީ މުބާރާތްވީ އެންމެ ކާމިޔާބު އިވެންޓަށެވެ. އަހަރުގެ ފެށުން، ފެބްރުއަރީ މަހު ވޮލީގައި އުފާވެރިއެވެ. ފޯނޭޝަންސް އަންހެން އަދި ފިރިހެން ޑިވިޝަން މުބާރާތްތަކެއް ރާއްޖޭގައި ބޭއްވި އިރު، އަންހެން ޓީމު ކާމިޔާބެވެ. ބަލިވީ ފައިނަލްގައެވެ. ރިހި މެޑަލް ހޯދިއެވެ. އެ ކާމިޔާބީ ކާވާ މުބާރާތުގައި ތަކުރާރެއް ނުކުރެވުނެވެ. ފަހުން އައިއޯއައިޖީގައިވެސް އެ ކާމިޔާބީއެއް ތަކުރާރެއް ނުވިއެވެ. ވޮލީއަށް ހުރަސްތައް ގިނައެވެ.

ވޮލީ އެސޯސިއޭޝަން ކަޕް އަހަރު ނިމެންދަނިކޮށް ބޭއްވިއިރު، ކާމިޔާބު ހޯދީ ވެމްކޯއާއި ސްޕޯޓްސް ކްލަބު ސިޓީއެވެ. ތ. ހިރިލަންދޫއަށް ނިސްބަތްވާ ސިޓީން އަތޮޅު ތެރޭގެ ވޮލީ ރޫހު ދައްކާލައި، މެސެޖެއް ދިނެވެ. އަލަށް ވާދަކޮށް ތަށި ނަގައިގެންނެވެ.

ފުޓްސަލް ރަސްކަމަށް ލ. ގަން، އައިއޯއައިޖީން ރަން މެޑަލުން ގައުމު ހެއްވާލި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައިވާ އިރު، ފެބްރުއަރީ މަހުން ފެށިގެން މުޅި ރާއްޖެ އޮތީ އެ މުބާރާތަށް ގޮސް ހުސްވެފައެވެ. ރާއްޖޭގެ ފުޓްސަލް ރަސްކަމަށް ރަށްތަކުން، މުޅި ރަށް އެކީ ކުރި މަސައްކަތް، މިދިޔަ އަހަރު ކާމިޔާބުކުރީ ލ. ގަމުންނެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ކަޕް ލ. ގަމުން ހޯދައި، ރަށަށް ގޮސް އުފާފާޅުކުރި އިރު، ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ޗެމްޕިއަންކަން ނެގީ ވެމްކޯއިންނެވެ. އަންހެން ޗެމްޕިއަންކަން ނެގީ ފެނަކައިންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ކްލެސިކް ތަށި އުފުލައިލީ ވެމްކޯއާއި ޑީޖޭއޭއިންނެވެ.

އިންޑިވިޖުއަލް އެތުލީޓުންގެ ނަން، އެންމެ ބޮޑަށް ވިދާލީ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިންނެވެ. ރާއްޖެއަށް ތާރީހު ލިޔެލި ގޭމްސްއަކަށް އެ ގޭމްސްވިއެވެ. ނިމިގެން މިދާ އަހަރުގެ ކުރިން މަލްޓި ސްޕޯޓްސް އިވެންޓެއްގައި ވާދަކޮށް ރާއްޖެއަށް އެންމެ ގިނައިން ހޯދިފައި އޮތީ 15 މެޑެއްޔެވެ. އެއީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީންނެވެ. އެ ރެކޯޑު މުގުރާލުމަށް މިފަހަރު ދިވެހި ކޮންޓިޖެންޓުން މަޑަގަސްކަރައަށް ގޮސް، 28 މެޑަލް ހޯދާފައިވެއެވެ.

މި ފަހަރު ރާއްޖެއިން ފަސް ރަން މެޑެއްޔާއި ނުވަ ރިހި މެޑަލް އަދި 14 ބްރޯންޒް މެޑަލް ހޯދާފައިވެއެވެ. އޭގެ ތެރެއިން ރަން މެޑަލް ހޯދީ ޓީޓީންނާއި ބެޑްމިންޓަނުންނެވެ. ރާއްޖޭގެ ޓީޓީ އެތުލީޓިން ޖުމުލަ ހަތަރު ރަން މެޑަލް ހޯދި އިރު، ބެޑްމިންޓަންގައި ރަން މެޑަލް ހޯދީ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ. އޭގެ އިތުރުންވެސް ތާރީހީ މެޑަލްތަކެއް މި ފަހަރު ޓީމުން ހޯދާފައިވާ އިރު، އެ ދެ ކުޅިވަރުގެ އިތުރުން ދެން މެޑަލް ހޯދީ ޓައިކްވޮންޑޯ، ޕެރަ އެތުލެޓިކްސް، އެތުލެޓިކްސްގެ އިތުރުން ބާސްކެޓުންނެވެ. ބާސްކެޓުން މެޑަލް ހޯދީ ތުރީ އޮން ތްރީ އިވެންޓްގައެވެ.

ޓީޓީ ތަރިން ކަމަށްވާ، ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް، މުހައްމަދު ޝައްފާން އިސްމާއީލް އަދި މޫސާ މުންސިފް އަހުމަދުވެސް އައިއޯއައިޖީގައި ވިދާލިއެވެ. އެގައުމުގައިވެސް ރާއްޖޭގެ ނަން ފަހުރުވެރިކަމާއެކު ފަވާލިއެވެ. ބެޑްމިންޓަނުންވެސް ވަނީ ތާރީހީ މެޑަލްތަކެއް ހޯދައިފިއެވެ. ފިރިހެން ޓީމް އިވެންޓުން އަލަށް ރިހި މެޑަލް ހޯދިއެވެ. ޕެރަ އެތުލީޓުން ކަމަށްވާ އަބްދުލް ރައްޒާގު އަބްދުލް ސަމަދާއި ފާތިމަތު އިބްރާހީމް (ފާތުން)ވެސް މެޑަލް ގެނެސްދިނެވެ.

ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ އިވެންޓުން ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން އިރު، ހަތަރެއް ގުނަ 100 މީޓަރު ރިލޭ ދުވުމުން އަންހެން ރިލޭ ޓީމުވެސް ތާރީހީ މެޑަލްއެއް ހޯދިއެވެ. ރާއްޖޭގެ އަންހެން ރިލޭ ޓީމުން ހޯދި މެޑަލްއަކީ ބައިނަލްއަގުވާމީ މައިދާނުގައި އެތުލެޓިކްސްގެ އަންހެން ރިލޭ އިވެންޓަކުން ހޯދި ފުރަތަމަ މެޑެއްޔެވެ. ރިލޭ ޓީމުގައި ހިމެނުނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިނެވެ.

ރާއްޖޭގައި މިދިޔަ އަހަރުވެސް ބައިނަލްއަގުވާމީ މުބާރާތް ބޭއްވިއެވެ. ފޯނޭޝަންސް ކަޕާއި މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ އިތުރުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ފާހަގަވެއެވެ. ބިލިއާޑްގެ ބައިނަލްއަގުވާމީ ވޯލްޑް ޓުއާ އިވެންޓެއްވެސް ރާއްޖޭގައި ބާއްވައި ތާރީހު ލިޔެލެވުނެވެ. އެ މުބާރާތްތަކުން ދިވެހި އެތުލީޓުންގެ ތަފާތުވެސް ފެނިގެން ދިޔައެވެ. ތުލުސްދޫގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދި އިރު، ބޮޑީބޯޑިންގައި އާމިން އުމަރު މޫސާ ބައިނަލްއަގުވާމީ ކުރިއެރުންތައް ހޯދިއެވެ. ބިލިއާޑް މުބާރާތުގައި ގަދަ 32 ކުޅުންތެރިންގެ ބުރަށް ގޮސް ހަސަން ޝާޒް ވަނީ ރާއްޖެ ފަހުރުވެރިކޮށްދީފައެވެ.

އޭގެ އިތުރުން އަރުތަ ޕްރޮގްރާމްގެ އެހީގައްޔާއި، އަމިއްލަ ގޮތްގޮތުން އެކިއެކި ކުޅުންތެރިން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރަން މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތައް ހޯދާފައިވެއެވެ. އދ. މަހިބަދޫ ސްޓޭޑިއަމްގެ ނަން "ޕެލޭ ސްޓޭޑިއަމް"އަށް ބަދަލުކޮށް، ފީފާއިން އެދުނު ވައުދު ރާއްޖެއިން ނިމިގެން މިދާ އަހަރު ފުއްދިއެވެ. އަހަރުގައި ފުޓުބޯޅައާއި ވޮލީ މުޅިން ބޮއްސުންލި ނަމަވެސް، އައިއޯއައިޖީއަކީ އުފާވެރި ކަމެކެވެ. މައި ދެކުޅިވަރު ކަމަށްވާ ފުޓުބޯޅަ އާއި ވޮލީ އޮތީ ނޭވާހޮޅިއަށް އެޅިފައެވެ. ވެންޓިލޭޓަރުގައެވެ.