ވެރިކަމަށް ވަޑައިގަންނަން މަސައްކަތް ކުރައްވާ ބޭފުޅުން ދައްކަވަން ވާނީ ދެކޮޅު ޖެހޭ ވާހަކަ ކަމަށް ވިދާޅުވެ، ވާދަވެރި ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ތ. ކިނބިދުއަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވެފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ކެންޑިޑޭޓުން ވައުދުގެ ލިސްޓުތައް ހުށަހަޅަމުންދާ ކަމަށެވެ.
"އެހެން ނޫން ނަމަ، ވާދަވެރި ކެންޑިޑޭޓުން ނުކުމެ، ގިނަ ވައުދުތަކެއް ނުވާނެ. އެ ވައުދުތައް ވާނީ ރާއްޖެއަށް ފައިސާ ލިބޭނެތީ. 2025 ވަނަ އަހަރު ބަނގުރޫޓުވާނެއޭ، 2026 ވަނަ އަހަރުވެސް ބަނގުރޫޓުވާނެއޭ އެ ކިޔަނީ. ވެރިކަމަށް އަންނަން އުޅޭ މީހުން ދައްކަންވާނީ ދެކޮޅު ޖެހޭ ވާހަކަ. ބަނގުރޫޓުވާނެއޭ ކިޔާފައި، ވައުދު ލިސްޓެއް އެ ކިޔާލަނީ. މިއީ ބަނގުރޫޓު ވެފައިވާ ސަރުކާރެއް ނޫން. މިއީ ފުދުންތެރި ސަރުކާރެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ބިންގަލެއް އެޅިފައިވާ ކަމަށާއި ދެން އޮތީ އަންނަ ދައުރުގައި އިގުތިސާދީ ބޮޑު ބަދަލާއެކު ކުރިއަށްދިއުން ކަމަށެވެ. އަދި މި ސަރުކާރުން އިގުތިސާދު ހިންގަން ބޭންކުތަކުން ފައިސާ ނަގާފައިވާނީ، އެ ދެއްކޭނެ ވަރަށް ފައިސާ ލިބޭނެތީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމަށް އައި އިރުގައި ފައިސާއެއް ނެތް. ނަމަވެސް ބޭރުގެ އެހީ އާއެކު އަޅުގަނޑުމެންނަށް ކުރިއަށް ދެވުނީ. ކޮވިޑާ އެކުވެސް އަޅުގަނޑުމެންނަށް ގިނަ ދަތިތަކެއް ކުރިމަތިވި. ނަމަވެސް ނިންމުންތައް ނިންމާފައިވާނީ ރައްޔިތުންނަށް ތަކުލީފު ނުވާނެ ފަދަ ގޮތަކަށް. މުވައްޒަފުން މަދުކޮށް، މުސާރަތައް ކުޑަކޮށް ފަދަ ކަންކަން ކޮށްފައެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޯޒްވޭއަކުން ކިނބިދޫއާއި ވޭމަންޑޫ ގުޅައިލުމުގެ ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަސައްކަތްކުރުމުގެ ޕްލޭނެއް އެބަ އޮތް ކަމަށާއި އެ ވައުދުވެސް މި ސަރުކާރުން ފުއްދާނެ ކަމަށެވެ. އަދި އެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.