ވާދަވެރިންގެ ތެރޭގައި މި ގައުމަށް ކަމެއް ކޮށްދޭނެ ބަޔަކު ނެތް ކަމަށާއި މާޒީގައި ރައްޔިތުންގެ ފައިސާއަށް ވީ އިހުމާލު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ތ. ދިޔަމިގިއްޔަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެންޑިޑޭޓުން ވާ ވައުދުތައް ރައްޔިތުން ރަނގަަޅަށް ދިރާސާކުރަން ޖެހޭނެ ކަމަށާއި ވައުދުވެފައި އަދި ވައުދު ފުއްދާފައިވަނީ ކޮން ބައެއްކަން ބަލަންވާނެ ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ހިންގާފައި ނުވާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، ކަން ވެގެންދާނެ ގޮތް އެއީ ވިސްނައި ފިކުރު ކުރަންޖެހޭނެ ކަމެއް. އޭގެ ތެރޭގައި ގައުމަށް ކަމެއް ކޮށްދޭން ބޭނުންވާނެ ބައެއް ނެތް، ވީ އިހުމާލު، ރައްޔިތުންގެ ފައިސާއަށް ވީ އިހުމާލު. އެހެން ނޫން ނަމަ، މި ހާލަތަކު ނޫން އޮންނާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްތަކާ މެދުވެސް ވިސްނައި ފިކުރު ކުރަންޖެހޭނެ ކަމަށާއި އެ ދުވަސްވަރު އެމްޑީޕީގެ ތެރެއިންނާއި ބޭރުން ސަރުކާރަށް ކުރިމަތިކުރުވި އުނދަގޫތަކާއި ފިއްތުންތައް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް މި ސަރުކާރުން ފުއްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ރަށަށް ވެސް ވައުދުތަކެއް ވިން. އަޅުގަނޑުމެން މިދަނީ އެ ވައުދުތައް ފުއްދައިދެމުން. ޔަގީންކުރައްވާ، ހުރިހާ ވައުދެއް އަޅުގަނޑުމެންގެ މި ދައުރުގައި ފުއްދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ބިނާކުރެވޭނީ ދިރިއުޅޭ ރަށުން އަސާސީ ހިދުމަތްތައް ލިބިގެން ކަމަށާއި އެހެން ނޫން ނަމަ، އެކަންކަމަށް ވިސްނާފައި އިތުރު ކަމަކަށް ވިސްނަން ވަގުތު ނޯންނާނެ ކަމަށެވެ. މީހުން ދިރިއުޅޭ ވަރުގެ ތަންތަނަށް ރަށްރަށް ބަދަލުވަނީ އަދި ކިރިޔާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.