ޚަބަރު

އެމްޑީޕީ ދޫކުރެއްވި ބޭފުޅުންނަށް އަދިވެސް ކުރީ ސަފުން ޖާގަ އެބައޮތް، ވަޑައިގަންނަވާ!: ރައީސް

ތ. ވިލުފުށިން އަލީ ރިފްޝާން

އެމްޑީޕީ ދޫކޮށް، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި އެބޭފުޅުންނަށް އަދިވެސް އެމްޑީޕީގެ ކުރީ ސަފުން ޖާގަ ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ތ. ވިލުފުއްޓަށް ރައީސް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ އެމްޑީޕީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

"ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފަކީ އަޅުގަނޑު ވަރަށް އިހުތިރާމުކުރާ ބޭފުޅެއް. އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށްފަހު، ހިލާތު ތަފާތުވުމެއްގެ ތެރެއިން ވަކިވެވަޑައިގެންނެވީ. އަފީފަށް އަޅުގަނޑު ދަންނަވާލާނީ އެމްޑީޕީން އަދިވެސް ފުރުސަތު އެބައޮތޭ. މި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުންނަށް މި ޕާޓީގެ ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުން ތެރެއިން ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އިސް މަގާމުތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން ކަމަށް ވުމުން އެބޭފުޅުންނަކީ ވެސް ޓެސްޓުކުރެވިފައިވާ ބޭފުޅުން ކަމަށެވެ. އަދި އަންނަ މަހުގެ ނުވަވަނަ ދުވަހު ވޯޓު ދޭ އިރު، ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް ވަނީ ކުރިއަށްއޮތް ދައުރަށް ވެސް ވިލުފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން މި ރަށުގެ ބަނދަރު ހެދުމާއި، ތާރު ނާޅާ މަގުތަކުގައި ތާރު އެޅުން އަދި ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި މިހާރު ކުރިއަށްގެންދާ މި ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް ވެސް ނިންމާނީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.