އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ވޯޓާސް ލިސްޓުގައި މިހާތަނަށް ސޮއިކުރީ، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަރު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލިޔާސް ލަބީބުގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވާ އުމަރު ނަސީރުގެ ފރާތުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް ދެންމެ ވިދާޅުވީ، މިރޭ ދިހައެއް ޖެހުމާ އެކު، ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ވަގުތު ހަމަވާނެ ކަމަށެވެ. އޭގެ ފަހުން އެކަމަށް އިތުރު ފުރުސަތެއް ދޭ ގޮތަށް ހަމަޖެހިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސި އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑެތި ޕާޓީތަކުން މިހާތަނަށް އަދި ސޮއި ކޮށްފައެއް ނުވެއެވެ.
"ޕާޓީތަކުގެ ޓިކެޓްގައި ނިކުންނެވި ބޭފުޅުންގެ ތެރެއިން މި ވަގުތާ ހަމަޔަށް ސޮއި ނުކޮށް ތިއްބެވީ، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި، އަމިއްލަ ގޮތުން ވާދަ ކުރައްވާ، ފާރިސް މައުމޫނާއި، އަހުމަދު ޒަމީލްގެ ފަރާތުން،" ކަމަށް ހަބީބް ވިދާޅުވިއެވެ،
އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ފައިނަލް ވޯޓާސް ލިސްޓުގައި ވާ ގޮތުން، ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިހާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.
ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ޖެހޭގޮތަށް ހަމަޖައްސާފައިވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ.
ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ 8 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 574 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 8 ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި ވޯޓު ފޮއްޓެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިހާބެވެ.