ޚަބަރު

ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާއިފައިވަނީ ވޯޓު ކަރުދާސްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ނިމިފައިވާތީ ކަމަށެވެ.

ވޯޓު ކަރުދާސްތައް ފޮނުވަނީ ވޯޓްލުމަށް ބޭނުންވާ ލިޔެކިޔުމާއި ބައެއް މުހިންމު ސާމާނު ހިމެނޭ ސެކިއުރިޓީ ފޮށިތަކުގައެވެ. ސެކިއުރިޓީ ފޮށްޓާއެކު، އީސީގެ އޮފިޝަލެއްގެ އިތުރުން ފުލުހުންގެ އޮފިޝަލަކު ވެސް ކޮންމެ އަތޮޅަކަށް ދިއުމަށް ހަމަޖެހިފައިވެއެވެ.

އެ ތަކެތީގެ އިތުރުން ވޯޓުފޮށިތަކާއި ވޯޓިން ބޫތުތައް ވެސް އީސީއިން މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ. ވޯޓު ނަގާ ދުވަހާ ހަމައަށް އެތަކެތި ހުންނާނީ ވަރަށް ރައްކާތެރިކަމާއެކު ކަމަށް އީސީއިން ބުނެއެވެ.

އީސީއިން ބުނީ ވޯޓް ކަރުދާސް ޕްރިންޓް ކުރުމާ ގުޅޭ މައުލޫމާތުތައް ގާނޫނުގައި އޮތް ގޮތަށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް ހާމަކުރާނެ ވަކި ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 262،135 މީހުންނެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި 472 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ މިހާރުވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އަދި އިދިކޮޅު އިއްތިހާދުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީ ޕާލިމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އެވެ.