ޚަބަރު

ރަސްދޫ އާއި މާމިގިލި ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

އއ.ރަސްދޫ އާއި އދ.މާމިގިލި ކައުންސިލަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު މި ދެ ރަށުގެ ކައުންސިލަރުންނާ ރައީސް ބައްދަލު ކުރައްވާފައިވަނީ ވަކިވަކިންނެވެ. އެގޮތުން މާމިގިލި ކައުންސިލާ ބައްދަލުކުރައްވައި ކައުންސިލް މެދުވެރިކޮށް ރައީސް ވަނީ މާމިގިލި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭ މައުލޫމާތު ސާފުކުރައްވައިފައެވެ. މިގޮތުން މާމިގިލި ކައުންސިލުން ވަނީ އެރަށުގެ ސިއްހީ މަރުކަޒުން ލިބެން ހުރި ހިދުމަތް މަދުވުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން ރަށު ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން ޔޫތު ސެންޓަރުގެ މަރާމާތަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން ރަށުގެ މަގު ހެދުމާއި މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވެފައިވާކަންވެސް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ފާހަގަކުރައްވައިފައެވެ.

ރަސްދޫގެ ކައުންސިލުން ވެސް ވަނީ އެ ރަށުގައި ހުރި އެކި ގޮންޖެހުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ތިން މަރުހަލާއަކަށް ބަހާލައިގެން ނިންމުމަށް ހަމަޖެހިފައިވާ ރަސްދޫގެ ބޭރު ތޮށިގަނޑު ހެދުމުގެ މަޝްރޫއު އެއް މަރުހަލާއިން ނިމޭނެ ގޮތެއް ހައްދަވައި ދެއްވުމަށް ރައީސްގެ އަރިހުގައި ވަނީ އެދިފައެވެ. އަދި ރަށް ގިރުމުގެ މައްސަލައާއި ބިމުގެ އަދި ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ވެސް ވަނީ ރައީސްގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރަށުގެ ހޮސްޕިޓާ ތަރައްގީ ކުރުމާއި ބެހެގޮތުންނާއި ފެރީ ގިމަތައެއް ތަރައްގީކުރުމާ ގުޅޭގޮތުން ކައުންސުލުން ވަނީ ރައީސްއާ މަޝްވަރާކުރައްވައިފައެވެ.

މި ދެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ ރައްޔިތުން އެދޭ، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.