ޚަބަރު

ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލް ވޯޓުތައް ގުނަން ނިންމައިފި

އިބްރާހިމް ޒަކީ

ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލް ވޯޓުތައް ގުނަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައިވަނީ އިނގުރައިދޫ ދާއިރާއާއި ބާރަށު ދާއިރާއާއި ފޮނަދޫ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ފަލާހު އަދި ބާރަށު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއު އެދުމުންނެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް "ވަން އޮންލައިން"އަށް ވިދާޅުވީ އޭގެ ތެރެއިން އިނގުރައިދޫ ދާއިރާގެ ވޯޓުތައް އަލުން ގުނަން ނިންމާފައި ނުވަނީ ނަތީޖާއަށް އަސަރުކުރާ ފަދަ ކަމެއް ނެތީމަ ކަމަށެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ތިން ދާއިރާގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ބާރަށު ދާއިރާ އަހްމަދު އަބްދުﷲ ކާމިޔާބުކުރެއްވި އިރު، ފޮނަދޫ ދާއިރާ ކާމިޔާބުކުރެއްވީ މޫސާ ސިރާޖެވެ. އަދި އިނގިރައިދޫ ދާއިރާ ހަސަން އަހްމަދެވެ.

އަލުން ގުނަން ނިންމި ފޮނަދޫ ދާއިރާ، ސިރާޖު ކާމިޔާބުކުރެއްވީ 44 ވޯޓުގެ ތަފާތުންނެވެ. ސިރާޖަށް 1007 ވޯޓު ލިބިވަޑައިގެންނެވި އިރު، މިހާރު ވެސް މެމްބަރުކަން ކުރައްވާ އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 963 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި ހިމެނެނީ 46 ވޯޓެވެ. އެހެންކަމުން އަބްދުއްރަހީމަށް ގޮނޑި ކާމިޔާބުކުރެވޭނީ ބާތިލް ވޯޓުގެ ތެރޭގައި ހިމެނޭ 46 ވޯޓުގެ ތެރެއިން 45 ވޯޓު ލިބިގެންނެވެ.

ބާރަށު ދާއިރާ، އަހްމަދު އަބްދުﷲ ކާމިޔާބުކުރެއްވީ 42 ވޯޓުގެ ތަފާތުންނެވެ. އަހްމަދު އަބްދުﷲއަށް 1524 ވޯޓު ލިބިވަޑައިގެންނެވި އިރު، މިހާރު ވެސް މެމްބަރުކަން ކުރައްވާ ޝުޖާއުއަށް ލިބިވަޑައިގެންނެވީ 1482 ވޯޓެވެ. އެ ދާއިރާގެ ބާތިލް ވޯޓުގެ ގޮތުގައި ހިމެނެނީ 64 ވޯޓެވެ. އެހެންކަމުން ޝުޖާއުއަށް ގޮނޑި ކާމިޔާބުކުރެވޭނީ ބާތިލް ވޯޓުގެ ތެރޭގައި ހިމެނޭ 64 ވޯޓުގެ ތެރެއިން 43 ވޯޓު ލިބިގެންނެވެ.