އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ބޮޑު އުންމީދަކާއެކު އައިއޯއައިޖީ ކޮންޓިޖެންޓް މަޑަގަސްކަރައަށް

މުޙައްމަދު ޝަމްޢޫން

މަޑަގަސްކަރައިން، މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މާދަމާ މަޑަގަސްކަރައިގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިވެހި ކޮންޓިޖެންޓް ރޭ މަޑަގަސްކަރައަށް އަތުވެއްޖެއެވެ.

މިއަހަރު ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ވާދަކުރާ އައިއޯއައިޖީއަށް މަޑަގަސްކަރައަށް އައިސްފައި ވަނީ ޖުމުލަ 172 އެތުލީޓުންނެވެ. މިފަހަރު ރާއްޖެއިން ނުވަ ކުޅިވަރެއްގައި ވާދަކުރާ އިރު، ކޮންޓިޖެންޓްގައި ޖުމުލަ އެކު 286 މީހަކު ހިމެނެއެވެ. އެއީ 58 އޮފިޝަލުންނާއި މެޑިކަލް ޓީމުގެ ނުވަ މީހުންގެ އިތުރުން މީޑިއާގެ 18 ފަރާތަކާއި އެމްއޯސީގެ އެޑްމިނިސްޓްރޭޓިވް ނުވަ މީހެކެވެ. ރޭ ރާއްޖޭގެ ކޮންޓިޖެންޓް މަޑަގަސްކަރައަށް އައިސްފައި ވަނީ ޗާޓަރު ފްލައިޓެއްގައެވެ.

އެންމެފަހުން 2019 ވަނަ އަހަރު މޮރިޝަސްގައ ބޭއްވި އައިއޯއައިޖީން ރާއްޖެއިން 15 މެޑަލް ހޯދައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު، މިފަހަރު އުންމީދު ކޮށްގެން އައީ އެ އަދަދު އިތުރުކުރުމަށެވެ. އައިއޯއައިޖީއަށް ކުރިއާލައި ޓީމުތަކުން ރަނގަޅަށް ތައްޔާރުވެފައިވާ އިރު، މާލެއިން ފުރުމުގެ ކުރިން ކުޅުންތެރިންނާ ބައްދަލުކުރައްވައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ މިފަހަރު އިތުރު މެޑަލްތަކެއް ރާއްޖެއިން ހޯދާނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

މިފަހަރު ރާއްޖެއިން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ޕަރަ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަނާއި ސްވިމިން، ޓެނިސް، ޓައިކްވޮންޑޯއަދި ބާސްކެޓްބޯޅައިގައި ތްރީ އޮން ތްރީއާއި ފައިވް އޮން ފައިވް އަދި ޓޭބަލް ޓެނިހެވެ.

މިއީ 2007 ވަނަ އަހަރަށްފަހު މަޑަގަސްކަރައިގައި އައިއޯއައިޖީ ހޯސްޓް ކުރާ ފުރަތަމަ ފަހަރެވެ. މަޑަގަސްކަރައިގައި ގޭމްސްއަށް އެންމެފަހުގެ ތައްޔާރީތައް ކުރިއަށްދާ އިރު، މަޑަގަސްކަރައަކީ ދިވެހި ކުޅުންތެރިންނަށް އެންމެ ފަސޭހަ މާހައުލަކަށް ނުވެދާނެ ކަމަށް ކުރިންވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެގޮތުން މޫސުމާއި އިންތިޒާމުތަކަށް ބަލާއިރުވެސް މަޑަގަސްކަރަ ފެންނަނީ ޗެލެންޖިން ގައުމެއްގެ ގޮތުގައެވެ.