ޚަބަރު

ވީނުވީއެއް ނޭނގި ގެއްލިފައިވާ ޝިމާއާއެކު ދަތުރުކުރި ފަޒީލް ދޫކޮށްލައިފި

ޑިންގީއެއް ބަންޑުން ޖަހާލައިގެން ވީނުވީއެއް ނޭނގި ގެއްލިފަައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް، ޝިމާ ގޮވައިގެން ވެސް ދަތުރުކުރި އިބްރާހިމް ފަޒީލާއެކު ހައްޔަރުކުރި ދެ މީހުންނާއި ފަޒީލު މިއަދު ދޫކޮށްލައިފިއެވެ.

އެ ތިން މީހުން ދޫކޮށްލިކަން ފުލުހުން ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދަށް މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއެެކު މިއަދު އެ ތިން މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ލ. ކައްދޫން މާމެންދުއަށް ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި އުމުރުން 19 އަހަރުގެ ޝިމާ ގެއްލުނު ފަހުން އޭނާ ހަބަރެއް ނުވެއެވެ. އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އެ ހާދިސާ ހިނގާފައި ވަނިކޮށް، މާޗް މަހުގެ 10 ވަނަ ދުވަހު ފުލުހުން ވަނީ، ލ. މާމެންދޫން އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ޑިންގީއެއްގައި ގޮވައިގެން ދަނިކޮށް ތިން މީހަކު، ސިކްސް ސެންސް ރިސޯޓު ކައިރިން ހުއްޓުވާފައެވެ.

އެ މީހުން ދަތުރުކުރީ ޝިމާގެ ކޮއްކޮ ގޮވައިގެންނެވެ.

އެހާދިސާއާބެހޭގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ސިކްސް ސެންސް ރިސޯޓު ކައިރިން 16 އަހަރުގެ އަންހެންކުއްޖަކު ގޮވައިގެންދިޔަ ޑިންގީ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 22 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.

ޝިމާ ގެއްލުނު ހާދިސާގައި، ޑިންގީ ބަންޑުން ޖަހައިލުމުން ފަޒީލް ފަތާފައި އެރީ ސިކްސެންސަސް ރިސޯޓަށެވެ. އޭނާ އެ ރިސޯޓާ ހަމައަށް ފަތާފައި ދިޔައީ ޝިމާ އަތަށް ފޯނަކާއި ހަމެއް ދީފައި ކަމަށް ފަޒީލް ބުނެފައިވެ އެވެ.