ޚަބަރު

ސިފައިންނާ ގުޅޭ ގޮތުން ގާސިމް ދެއްކެވި ވާހަކަ މާރިޔާ ކުށްވެރިކުރައްވައިފި

1

ރާއްޖޭގައި ދިވެހި ސިފައިންނަށް ނުވަދެވޭ ތަންތަން ހުންނަ ކަމަށް ދޭހަވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދެއްކެވި ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ކުށްވެރިކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ހދ. ނޮޅިވަރަންފަރުގައި ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ބައެއް ތަންތަން ރާއްޖޭގައި ހުރި ކަމަށް އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.

ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ހުންނަ އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނުގެ ތަރުޖަމާނުކަންވެސް ކުރައްވަމުންގެންދަވާ މާރިޔާ ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ސިފައިންނަކީ ތާޑް ގްރޭޑް ސިފައިން ކަމަށް ބުނާކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ފާޅުކުރާ ކަމަށެވެ.

"އަޅުގަނޑަށް ސިފައިން، ހުރިހާ ދިމާލަކުންވެސް، އެކި ރޭންކްތަކުގެ މީހުން އައިސް، އެ މީހުން އެބަ ނުރުހުން ފާޅުކުރޭ ސިފައިންނާ ދިމާލަށް ސިޔާސީ ޕޯޑިއަމްތަކުގައި މިއަދު އެތާ ތިއްބެވި ހުރިހާ ސިފައިންނަކީ ތާޑް ގްރޭޑް ސިފައިން ކަމަށް ބުނާތީ. އެކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ދުވަހު ތެރޭގައި ސިފައިންގެ ގާބިލުކަން އިތުރުކުރަން މިއިން ޒަމާނެއްގައިވެސް ހަރަދު ނުކުރާ ވަރަށް ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ.

މާރިޔާ ވަނީ، ސިފައިންނާއި ފުލުހުންގެ ވާހަކައަކީ ސިޔާސީ މީހުން ސިޔާސީ ޕޯޑިއަމްތަކުގައި ބޭނުންކުރާ ކަމަކަށް ނުހެދުމަށް ގޮވާލައްވައިފައެވެ.

"އަޅުގަނޑު ހަމަ ދަންނަވައިލަން އޮތީ، ކަމޯން، ސިފައިން މީގެ ތެރެއިން، [ސިޔާސީ ވާހަކައާއި ކަންކަމުގެ ތެރެއިން] ބޭރުކުރައްވާށޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ދުވަހު ސިފައިންގެ ސާފު ރެކޯޑެއް އޮންނާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟