ޚަބަރު

ރައީސްގެ ގިނަ ވައުދުތަކެއް ފައިނަށާއި ކިނޮޅަހަށް

ރ. ފައިނުން އަލީ އަފާފު ރަމީޒު

ރ. ފައިނަށާއި މިއަތޮޅު ކިނޮޅަހުގެ ތަރައްގީއަށް އަންނަ ދައުރުގައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން ރައީސް މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވައިގެ މަގުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެގޮތުން މިއަތޮޅުގެ ދެކުނު ބިތުގެ އެއާޕޯޓް ބެރިޔަންފަރުގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ މި އަތޮޅުގެ ގިނަ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު، އެއީ މި އަތޮޅުގެ ހުރިހާ ރަށަކަށްވެސް އެންމެ ފައިދާވާނެ ސަރަހައްދު ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކަމަށެވެ.

ރައީސް ވަނީ އަންނަ ދައުރުގައި ފައިނަށް ކޮށްދެއްވަން ނިންމަވާފައިވާ ބައެއް ކަންކަންވެސް ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. އެގޮތުން މިރަށުގެ ލޭންޑް ސްކޭޕް ހަދައި ވަށައިގެން އެއްގަމުން ދަތުރުކުރެވޭ ގޮތަށް ރިންގު ރޯޑެއް، ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބަނދަރުގެ އެކްސްޓެންޝަނާ އެކު ދޯނި އެހެލާ ސަރަހައްދެއްގެ އިތުރުން މޫދަށް އެރޭ ޓްރެކެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ޒުވާނުންނަށް ޓަކައި ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓެއް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިއަދު މިއަތޮޅު ކިނޮޅަހަށްވެސް ވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ތަރައްގީއަށް އަންނަ ދައުރުގައި ޕްލޭން ކޮށްފައިވާ ބައެއް ކަންކަންވެސް ރައީސް ވަނީ ހާމަކުރައްވައިފައެވެ. އެގޮތުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބޮޑެތި މަގުތަކުގައި ތާރު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލަށާއި ސްކޫލަށާއި ހެލްތު ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ކައުންސިލްގެ އާ އިމާރާތެއް ހަދައި، ސުކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލަކާއި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ރަށުގެ ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި އިންޑޯ ސްޕޯޓްސް ހޯލެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.