ޚަބަރު

އޭސީސީގެ ކުރީގެ ރައީސް ލުތުފީ ރާއްޖެ ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައި ތަހުގީގު ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ތަހުގީގު ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ލުތުފީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ލުތުފީ މިހާރު ހުންނެވީ އައްޑޫ ސިޓީގައެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށްވެސް ލުތުފީ ވަޑައިގެންފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ލުތުފީގެ މައްޗަށް ތުހުމަތުކުރާ މަނީލޯންޑްރީންގެ މައްސަލައެއް ފުލުހުން ތަހުގީގުކުރިއެވެ.

އޭސީސީގެ ރައީސްގެ މަގާމަށް ލުތުފީ އައްޔަން ކުރީ 2009 ވަނަ އަހަރުއެވެ. ނަމަވެސް އޮފީހަށް ވަޑައިނުގެން ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއްވަންދެން ހުންނެވުމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ލަފާދިނުމުން 25 ޖޫން 2019 ގައި އޭނާ ވަނީ އެ ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.