ޚަބަރު

ތިން ބިލިއަން ޑޮލަރުގެ ދަރަނި އެޅިދާނެކަމުގެ ބިރު އެބައޮތް: ނަޝީދު

1

ޗައިނާ އާއި ރާއްޖޭއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ތިން ބިލިއަން ޑޮލަރުގެ ދަރަނި ދިވެހި ދައުލަތުގައި އެޅިދާނެކަމުގެ ބިރު އެބައޮތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އަބުދުﷲ ޔާމީިން އަބުދުލް ގައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ގުޅުން ބަދިކޮށް ވެފައިވާ އެއްބަސްވުންތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުންތައް މުރާޖައާ ކުރައްވާނެ ކަމަށެވެ.

ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ރާއްޖެއަށް ގެއްލުންވާ ގޮތަށް އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ފާހަގަ ކުރައްވައިފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކެމްޕެެއިންގައި ވާހަކަ ދައްކަވަމުން ރާއްޖެ، ޗައިނާއަށް 3.2 ބިލިޔަން ރުފިޔާއަށް ދަރާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު ތަފާތަކުން މައްޗަންގޮޅި މެދު ދާއިރާ ކާމިޔާބު ކުރެއްވި ނަޝީދު ރޮއިޓާސްއަށް ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، މުރާޖައާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޖާގަ ދޭންޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟