ޚަބަރު

ބައެއް ކެންޑިޑޭޓުން ބޭނުންވަނީ ދެވަނަ ބުރަށް ގޮސް ބައި އަޅަން، ބޭނުމަކީ ވަޒީފާއާއި ކެބިނެޓުގެ ޖާގަ: ރައީސް

މުހައްމަދު އިޝާން

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ބޭނުމަކީ އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސް، ވަޒީފާ އަދި މިނިސްޓަރުކަން ހޯއްދެވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ކެންދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރެއްވުމަށް މަސައްކަތް ކުރަމުންދަނީ މަދު ކެންޑިޑޭޓުންތަކެއް ކަމަށެވެ.

"ދެން ތިބި ބޭފުޅުން މަސައްކަތްކުރައްވަމުން މި ގެންދަވަނީ މި އިންތިހާބު ދެވަނަ ބުރަކަށް ގެންދެވޭނީ ކިހިނެއް ހަދައިގެންތޯ. ވޯޓުތައް ބައިބައި ކޮށްލައިގެން ތިމަންނަމެންނަށް ދެވަނަ ބުރުގައި ކޯލިޝަނެއް ހަދައިގެން ލިބޭނީ ކޯއްޗެއްތޯ. ކިތައް ވަޒީފާތޯ، ކެބިނެޓުގެ ކިތައް ޕޯސްޓުތޯ، ކުންފުނިތަކުގެ ކިތައް އެމްޑީތޯ. މިކަމުގައި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް އޮންނަ ތާއިދު ފެނިފައި އެފަދަ ބޭފުޅުން ވަރަށް ކޯފާވާ ކަމަށެވެ. އެ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންފުޅުވަނީ، "ޖަންގަލީގައި ހުންނާނެ އެކި މަގުތައް އެކި އެ ގޮތްގޮތަށް، އެކަމަކު އަންތަރީހަށް މެނުއަރާ ވިސްނުން އަބަދުވެސް އިސްކުރަންވާނެ،" ކަމަށެވެ.

"ދަންނަވަންތޯ މި އިންތިހާބު މިއޮތީ އިރާދަކުރެއްވިއްޔާ ފުރަތަމަ ބުރުން ނިމިފައި. މިއަކު ޝައްކެއް ކުރާނެތަނެއް މިއަދަކު އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ވާދަވެރިން ދެން ކުރަންވީ ކަމަކީ ވިސްނުން ބަދަލުކޮށް، އެ މަނިކުފާނު ފަޅިއަށް އެރުން ކަމަށެވެ. އެ ބޭފުޅުންނަށާއި އެ ޕާޓީތަކަށް ފައިދާ ހުރި ގޮތަކީ އެއީކަމަށް ރައީސް ވިދާޅުވިއެވެ.

"ދެވަނަ ބުރަކަށް މި އިންތިހާބު ގެންގޮސް، މިއިން ބައި ނަގަން ނޫޅުން. އެއީ އަޅުގަނޑުގެ އިލްތިމާސަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ. ދެވަނަ ބުރުގައި ކޯލިޝަނެއް ހަދައިގެން ގާއިމުކުރި ހުރިހާ ސަރުކާރަކަށް ވެގެންދިޔަ ގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"2008 ގައި ވެސް ވީ އެހެން، ފުރަތަމަ ބުރުގައި ވަކިވަކިން ގޮސް ކާމިޔާބުނުވީމާ ދެވަނަ ބުރުގައި ކޯލިޝަނެއް ހެދި. އެ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނުލިބުނު ރަނގަޅު މަޝްވަރާއެއް ކުރާކަށް. ދެން ޖެހޭނީ އެއްޗެއްގައި ސޮއިކޮށްގެން ސަރުކާރެއް ފޯމް ކުރަން. މާގިނަ ދުވަހެއް ނުވެ 21 ދުވަސް ނުވޭ ފުރަތަމަ ފަހަރު ކޯލިޝަން ރޫޅިގެން ދިޔަތަނާ. 2013 ގައި ވީ އެހެން. ފުރަތަމަ ބުރުގައި ކާމިޔާބެއް ނުވި، ނުވީމާ ދެވަނަ ބުރެއްގައި ކޯލިޝަން ހަދައިގެން ނުކުތީ. ހަ މަސްދުވަސް ނުވެ މުޅި ކޯލިޝަން ރޫޅައިގެން ދިޔައީ، 2018 ގައި އެ ތަޖުރިބާގެ އަލީގައި އަޅުގަނޑުމެން ނުކުތީ ފުރަތަމަ ބުރުގައި ކޯލިޝަނެއް ހަދައިގެން. ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ދެކިގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު 2018 ވަނަ އަހަރު ހެއްދެވި ކޯލިޝަން މިއަދާ ހިސާބަށް މިއޮތީ ސިޔާސީ ބޭނުމެއްގައި ކޯލިޝަން ނުހެދުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ސިޔާސީ ހިޔާލުތަފާތުވުން އެ ކޯލިޝަންގެ ތެރޭގައި ހުރިކަން ފުރަތަމަ ދުވަހުވެސް އެނގުނު ކަމަށާއި ނަމަވެސް ފަސް އަހަރަށް ކޯލިޝަން ހިފަހައްޓާލެވުނީ މަޝްވަރާކުރުން ހިޔާރުކުރުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރަކަށް ނުކުމެވަޑައިގެން ހުންނެވީސް އެ ތަޖުރިބާގެ އަލީގައި ކަމަށް ރައީސް ވިދާޅުވިއެވެ. "އެކަނި ނުކުމެ މި އިންތިހާބާ އުޅުނުނަމަ ދެވަނަ ބުރަކަށް ދިޔުމަކީ ގާތްކަމެއް" ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އެ މަނިކުފާނާއެކު ކޯލިޝަން ހަދައިފައިވަނީ ގައުމު ތަރައްގީ ކުރުމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ޕާޓީތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމެއް ހިންގާއިރު މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެކަނިމާއެކަނި ނިންމުންތައް ނިންމަން ވެއްޖެނަމަ ދެން ވާނީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްވަރާކޮށްގެން މިހާތަނަށް ނިންމި އެންމެ ރަނގަޅު ނިންމުމަކީ މިނިމަމްވޭޖު ކަނޑައެޅުން ކަމަށާއި މިނިމަމްވޭޖު ކަނޑައެޅީ މުވައްޒަފުންނަށާއި ކުންފުނިތަކަށް ވެސް ގެއްލުންނުވާގޮތަށް ހުރިހާ ފަރާތަކާ މަޝްވަރާކޮށްގެން ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ޓެކްސް ނަގަން އަޅުގަނޑުމެންގެ ފުރަތަމަ ސަރުކާރުގައި މަސައްކަތް ކުރީމާ ސަރުކާރު ތެރޭގައި ތިއްބެވި ބައެއްް ބޭފުޅުން، އެންމެ އިސް ބޭފުޅުން ވެސް ދެއްކެވި ވާހަކަ. މުލިއާގެއަށް އެއްރެއަކު އަޅުގަނޑު ކައިރިއަށް އަންނަން ވިދާޅުވީ. ދެން ވަރަށް ޕާސަނަލް ވާހަކައެއް މި ދެއްކީ. ވިދާޅުވީ އީބޫއޭ ތިމަންނާ ދެކެ ވިޔަފާރިވެރިން ރުޅި އަންނާނެއޭ ތިކަން ކޮށްފިއްޔާ. އަޅުގަނޑު ބުނީ ނޫނެކޭ، މީއޭ އެކަން ކުރަންވީ ވަގުތަކީ، އެއްގޮތަކަށް ވެސް ސަރުކާރެއް ނުހިންގެނެއޭ ދެނެއް ސަރުކާރަށް އާމްދަނީ ނުލިބި، ޓެކްސް ނަގަން ފައްޓަވަންށޭ ޖެހޭނީ، އިމްޕޯޓް ޑިއުޓީގެ މައްޗަށް ބަރޯސާވެގެން މި ސަރުކާރެއް ދެން ނުހިންގޭނެއޭ،" ރައީސް ވިދާޅުވިއެވެ.

ޓެކްސް ނެގުން ފަދަ ބޮޑެތި ކަންކަމާއި ސާވިސްޗާޖު އަދި ސްކޫލު ޗުއްޓީ ބަދަލުކުރުމުގައި ދިމާވި މައްސަލަތައް ހައްލުކުރީ މަޝްވަރާގެ އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް، މަސައްކަތުގެ ދާއިރާގެ ރައްކާތެރިކަން ގާނޫނީގޮތުން ކަށަވަރުކުރަން ޖެހޭ ކަމަށާއި އެކަމާ ގުޅޭ ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ދެ ބިލު ފާސް ނުކުރެވޭނެ ކަމަށާއި އިންތިހާބަށް ފަހު އެ ބިލުތައް ފާސްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވަޒީފާގެ މާހައުލުގައި ތުނބުޅި ބެހެއްޓުމަށް މިހާރު ދިމާވާ ދަތިތަކަށް ވެސް އެ މަނިކުފާނު ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް މިހާރު ދަނީ މަޝްވަރާކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.