ފ. މަގޫދޫ އެއާޕޯޓް ތަަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސްގެ އެޅުމުގެ މަސައްކަތުގެ 78 އިންސައްތަ ނިންމާލައިފިއެވެ.
އެ މަސައްކަތްކުރާ އެމްޓީސީސީން މިއަދު ބުނީ ޓެކްސީވޭ އާއި ސާވިސް ރޯޑްގެ ސަބްގްރޭޑް އަދި ސަބްބޭސް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެއާޕޯޓު ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސްގެ އެޅުމުގެ މަސައްކަތުގެ ވެސް 78 އިންސައްތަ ނިންމާލެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން އެއާޕޯޓް ރޯޑް ހެދުމުގެ މަސައްކަތުގެ 96 އިންސައްތަ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށާއި ޓާމިނަލް ބިލްޑިން އާއި ފަޔާ ބިލްޑިން ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަގޫދޫ އެއާޕޯޓުގެ މަޝްރޫއު 231.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެއާޕޯޓުގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއުގެ ދަށުން 1،500 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދުން ހިމެނެއެވެ.