ޚަބަރު

މެންބަރު ޝަރީފަށް ފުރުސަތު ދިނުމަށްފަހު ވާހަކަދައްކަން ފެށުމުން ނަން އިއްވައި ނުކުންނަން އަންގައިފި

އިބްރާހިމް ޒަކީ

ކެލާ ދާއިރާގެ މެންބަދު އިބްރާހިމް ޝަރީފަށް ވާހަކަދައްކަން ފުރުސަތު ދިނުމަށްފަހު، ވާހަކަދައްކަން ފެށުމުން ނަން އިއްވައި މަޖިލިސް ޖަލްސާއިން ނުކުންނަން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.

ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުން އަމީން އާއްމު ފާތުމަތު ލިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިވާތީ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުުރުމުގެ ގަރާރާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަަށް އެކަމަނާ އުޒުރުވެވަޑައިގެންފައިވާކަން އަންގަވާފައިވާތީ މަޖިލިސް ގަވާއިދުގެ ދަށުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ދަންނަވާ ކަމަށެވެ.

އަފީފު ރިޔާސަތަށް ވަޑައިގެން މިއަދުގެ ޖަލްސާ ފެށުމާ ހިސާބުން ރިޔާސަތުން މަޖިލީހުގެ ކަންތައްތައް ކުރިއަށް ގެންދާ ގޮތާމެދު އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ. އެގޮތުން ޖަލްސާގައި އަޑުގަދަކުރަމުންގެންދާތީ، ޖަލްސާގެ ކުރީކޮޅުވެސް ރިޔާސަތުން އަފީފު ވަނީ ޝަރީފަށް އިންޒާރު ދެއްވައިފައެވެ.

ނަމަވެސް މަޖިލީހުގައި ވާހަކަދެއްކެވުމަށް ޝަރީފަށް ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އޭނާގެ ނަން އިއްވައި ޖަލްސާއިން ނުކުންނެވުމަށް އަފީފު އެންގެވީ، ރިޔާސަތާ ޖަދަލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެއެވެ.

އެ މައްސަލަ ދިމާވީ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ރިޔާސަތުގައި އިންނަވައިގެން އަފީފު ވާހަކަ ދައްކަވާފައިވާތީ، ޝަރީފު ވާހަކަ ފައްޓަވަމުން އެކަންތައް ފާހަކަކުރެއްވުމާ ގުޅިގެންނެވެ.

"މި ގަވާއިދުގައި ހަމަގައިމުވެސް ނޯންނާނެ ތި ގޮނޑިކޮޅުގައި އިންނަވައިގެން މަޖިލިސް މެންބަރުން މިތާ ދައްކާ ވާހަކައަށް ރައްދު ދިނުމާއި އެއަށް ފުރައްސާރަ ކުރުމާއި އޭތި އެނބުރުމާ މިި ކަންތައްތަކެއް، ހަމަ ޔަގީނުންވެސް ނެތް, އަޅުގަނޑަކަށް ހަމަ ހޯދާ ހޯދާ ނުފެނުނު،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެންބަރުންނަށް ކަންކަން ސާފުކޮށްދިނުން މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށާއި އޭނާ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ރިޔާސަތަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ.

އެކަމާ ކޯފާ އިސްކުރައްވައި އަފީފު ވަނީ ޝަރީފު މިއަދު ޖަލްސާއަަށް ވަޑައިގަތީ ކޮންއިރަކުތޯ ސުވާލު ކުރައްވައިފައެވެ. ޖަވާބުގައި ޝަރީފު ވިދާޅުވީ، އޭނާ ވާހަކަދައްކަވަމުން ގެންދަވަނިކޮށް ރިޔާސަތަށް ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.

އެހެން ވިދާޅުވުމުން އަފީފު ވިދާޅުވީ މެންބަރުންނަށް ރިޔާސަތަށްވެސް ޗެލެންޖު ނުކުރެވޭނެ ކަމަށާއި ޒުވާބުވެސް ނުކުރެވޭނެ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު ޝަރީފުގެ ނަން އިއްވައި ޖަލްސާއިން ނުކުތުމަށް އެންގެވިއެވެ.

ނަމަވެސް ޖަލްސާއިން ނުނިކުންނަވައި ޝަރީފު ވިދާޅުވަމުން ގެންދެވީ، ވާހަކަދައްކަމުން ގެންދަނިކޮށް ނަން ނީއްވޭނެ ކަމަށެވެ. އަދި އޭނާ ވާހަކަދެއްކުމަށް ލިބެންޖެހޭ ވަގުތު ދިނުމަށް ރިޔާސަތުގައި އެދެމުން ދިޔައެވެ. ނަމަވެސް އަފީފު ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ ޖަލްސާއިން ނުކުތުމަށެވެ.