މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ހުޅުމާލޭ ޖަލުގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހުޅުވައިފި

ހުޅުމާލޭ ޖަލުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ މިއަދު ހުޅުވައިދެއްވައިފިއެވެ.

މިއަދު ހުޅުވި ޔުނިޓްގެ ކޮންމެ ގޮޅިއެއްގައިވެސް ގިނަވެގެން ބައިތިއްބާނީ 20 މީހުން ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. އެމީހުން ނިދުމަށް ކޮންމެ ގޮޅިއެއްގައިވެސް ބަހައްޓާފައި ހުންނާނީ ބަންކް ބެޑެވެ.

މިއަދު ހުޅުވި ޔުނިޓަކީ ދެގޮޅި ހިމެނޭ ޔުނިޓެއް ކަމަށާއި ދެގޮޅިވެސް ތައްޔާރުކޮށްފައިވާނީ މަންޑޭލާ ރޫލްގައި ހިމެނޭ މިންގަނޑަށްވުރެ ރަނގަޅަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

28 ފޫޓް ދިގު 17 ފޫޓްގެ ފުޅާ، ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މި ސެންޓަރުގެ ތެރޭގައި ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ހާއްސަ ކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ.