ޚަބަރު

ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް، ސިރާޖު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވަން ބޭނުން ނުވާތީ ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ފެކްޝަން އުފެދިގެން އައި އިރު، ސިރާޖު ހުންނެވީ ނަޝީދާއެކުއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ސިރާޖު ފާޑުވިދާޅުވަމުން ގެންދަވާއިރު، އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެ ސަރަހައްދުން ހިލޭ ބިން ދިނުމެވެ. އޭނާ ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އަތޮޅުތެރެއާއި މާލެއާ ދެމެދު އޮތް ތަފާތު ކުރުންތައް ނައްތާލަންވެސް ގޮވާލައްވައިފައިވެއެވެ.