މުހައްމަދު އައުޒަމް
ދ. އަތޮޅު ރިނބުދޫ ކައިރީ އަލަށް ހަދަމުންދާ "މާގާ" ނަމަކަށް ކިޔާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކްވުމުގެ ސަބަބުން ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވެއްޖެއެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:20 ހާއިރުއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ފ. ނިލަންދޫގައި ގާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންގެ ޓީމެއް ވަނީ އެ ރިސޯޓަށް ގޮސް ހާދިސާ ހިނގި ސަރަހައްދު ބަލައިފައެވެ. މިހާތަނަށް ލިބިފައިވާ މާއުލޫމާތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓް ހުޅުވުމަށްޓަކައި ކުރަމުންދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއެކު، ބަދިގެ ތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގައި ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެންގޮސްފައެވެ. މި ހާދިސާގައި ހުޅުފަޅައިގެން ދިއުމުގެ ސަބަބުން ޢިމާރާތަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެއެވެ.
އަލަށް ހަދަމުންދާ މި ރިސޯޓުގައި ހިނގި މި ހާދިސާގައި އަށް ބިދޭސީއަކަށް ވަނީ ގޭހުން އެރި އާވީގެ ސަބަބުން އެކި ވަރަށް، އެކި މީހުން ފިހިފައެވެ. އަދި މިމީހުން ވަނީ ރިސޯޓްގެ ފަރާތުން ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އިތުރު ފަރުވާއަށް، މި މީހުން މާލެ ގެނައުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން ދަނީ ކުރަމުންނެވެ.
މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.