ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަރުމަނު ވިލާތުގެ ފޮރިން މިނިސްޓަރު ހައިކޫ މާސް އާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ބާލިންގައި ހުންނަ ޖަރުމަނުގެ ފޮރިން މިނިސްޓްރީ އޮފީހުގައި މިއަދުއެވެ. މި ބައްދަލު ވުމުގައި ދެ މިނިސްޓަރުން ވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ރާއްޖޭގައި ޖަރުމަނަށް ދިއުމަށް ބޭނުންވާ ޝެންގަން ވިސާ ނެގުމަށް ދާއިމީ އޮފީހެއް ގާއިމް ކުރުމާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރު ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިނިސްޓަރު ޝާހިދަށް މަރުހަބާ ދަންނަވައިފައެވެ. އަދި ކާމިޔާބު ކަމާއެކު، އަމާން އަދި ސުލްހަވެރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް ނިންމާލެއްވުމާ ގުޅިގެން ވެސް މަރުހަބާ ވިދާޅުވެފައެވެ.
މިނިސްޓަރު ޝާހިދު މި ވަގުތު ޖަރުމަނުގެ ބާލިންގައި ހުންނެވީ މިހާރު ކުރިއަށްދާ ފަސް ވަނަ ބާލިން އެނާޖީ ޓްރާންސިޝަން ޑައިލޮގް ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރު ފުޅެއްގައެވެ.