ޚަބަރު

ފިއްލަދޫން ފަތުރުވެރިކަމަށް 99 ބިން ދޫކުރަން އިއުލާނުކޮށްފި

ހއ. ފިއްލަދޫން ފަތުރުވެރިކަމަށް 99 ބިން ދޫކުރަން އިއުލާނުކޮށްފިއެވެ.

ފިއްލަދޫން ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، އެ ރަށު ޓޫރިޒަމް ޒޯނުގައި ހުރި 5000 އަކަ ފޫޓުން 115،000 އަކަފޫޓާ ދެމެދުގެ ޖުމްލަ 99 ބިން ޓޫރިޒަމް ވިޔަފާރިއަށާއި ގުޅުންހުރި ވިޔަފާރިތަކަށް ދިގު މުއްދަތަކަށް ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

40،000 އަކަފޫޓަށް ވުރެ ދަށުގެ ބިންތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:

  • 80 ޕަސަންޓް ޕޮއިންޓް ބިމުގެ ކުއްޔަށް
  • 5 ޕަސަންޓް ޕޮއިންޓް ބިން ކުއްޔަށް ނަގާ މުއްދަތުގެ ދިގު ކުރު މިނަށް (އެންމެ މަދުން ހުށަހެޅޭނީ 6 އަހަރަށް)
  • 5 ޕަސަންޓް ޕޮއިންޓް މާލީ ގާބިލް ކަމަށް (ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ އެކައުންޓް ސުޓޭޓްމަންޓްގެ ފާއިތުވި ތިން މަސް ދުވަހުގެ އެވްރެޖް ބެލެންސަކީ 5000 ރުފިޔާއަށް ވުރެ ދަށް ނުވުން)
  • 10 ޕަސަންޓް ޕޮއިންޓް، ފިއްލަދޫގެ ރަށްވެއްސެއް ނުވަތަ ރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރީތަކަށް

ޕޮއިންޓްގެ ގޮތުން އެއް ފަރާތަށްވުރެ ގިނަ ފަރާތް އެއްވަރު ވެއްޖެނަމަ، ބިން ލިބޭ ފަރާތެއް ހޮވާނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

40،000 އަކަފޫޓަށް ވުރެ މަތީގެ ބިންތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:

  • 70 ޕަސަންޓް ޕޮއިންޓް ބިމުގެ ކުއްޔަށް
  • 5 ޕަސަންޓް ބިން ކުއްޔަށް ނަގާ މުއްދަތުގެ ދިގު ކުރު މިނަށް (އެންމެ މަދުން ހުށަހެޅޭނީ 6 އަހަރަށް)
  • 5 ޕަސަންޓް މާލީ ގާބިލް ކަމަށް (ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ އެކައުންޓް ސުޓޭޓްމަންޓްގެ ފާއިތުވި ތިން މަސް ދުވަހުގެ އެވްރެޖް ބެލެންސަކީ 30،000 ރުފިޔާއަށް ވުރެ ދަށް ނުވުން)
  • 10 ޕަސަންޓް، ފިއްލަދޫގެ ރަށްވެއްސެއް ނުވަތަ ރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރީތަކަށް
  • 10 ޕަސަަންޓް ޕޮއިންޓް ސީއެސްއާރް (މިބަޔަށް ޕޮއިންޓް ދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ސީއެސްއާރުގެ ދަށުން ރަށަށް ނުވަތަ ރަށުގެ ރައްޔިތުންނަށް ކައުންސިލުން ކޮށްދިނުމަށް ރާވާފައިވާ ކަންކަމަށް ހަރަދުކުރުމަށް ހުށަހަޅާ ފައިސާގެ އަދަދުގެ އެންމެ ބޮޑު އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން)

ފިއްލަދޫ ކައުންސިލުން ބުނީ އެ ބިންތަކަށް އެދި ބީލަން ހުށަހެޅޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި އަމިއްލަ ވިޔަފާރިތަކަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުމަށް ފަހު [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެވޭނެއެވެ.

ފިއްލަދޫ ކައުންސިލުން އިތުރަށް ބުނީ ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އޮންނާނެއެވެ.